ހިޔާ ފްލެޓް ބޮޑު އަގުގައި ކުއްޔަށް ދޫކުރާނަމަ ފިޔަވަޅު އަޅަން މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު ޕެޓިޝަން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކައިގެ ތެރެއިން ނެވެ.
މި ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތަށް ކުލި ދައްކައިގެން ދިރިއުޅުމަށް ދޫކޮށްފައިވާ ހިޔާ ފްލެޓް ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައިވާކަން އެނގޭކަމަށްވަންޏާ ހައުސިން މިނިސްޓްރީން އެފަރާތްތަކާއިމެދު ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ކަމަށެވެ.
މިނިސްޓަރު މިގޮތަށް ޖަވާބުދެއްވީ ދައުލަތަށް ކުޑަ ކުލި ދައްކައިގެން ހިޔާ ފްލެޓް ބޮޑު އަގުގައި ކުއްޔަށް ދޭ މައްސަލައާއި ގުޅޭގޮތުން އާންމުންގެ ޝަކުވާ ލިބޭކަން ފާހަގަކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. އެކަމާއި ގުޅޭގޮތުން މިނިސްޓްރީން ފިޔަވަަޅު އަޅުއްވާނެތޯ އޭނާ ސުވާލު ކުރައްވާފައި ވެއެވެ.
އައްބާސްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑު އަގުގައި އެހެން މީހުން އަތުން ހިޔާ ފްލެޓްގެ ކުލި ދައްކާ ކަން އެނގިއްޖެނަމަ، ކުރިއަށް އޮތް ތަނުގައި އެފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން ކުލި ބޮޑުކޮށް އެ ފްލެޓް އެހެން މީހުންނަށް ދޫކުރަމުންދާ މައްސަލަ ދިމާވަނީ އެ ފްލެޓްތައް ލިބިފައިވަނީ ހައްގުވެރިންނަށް ނޫން ކަމަށެވެ. މި މައްސަލަ ފެންމަތިނުކުރުމަށް މީގެ ފަހުން ފްލެޓްތައް ދޫކުރާނީ އޮޅުވާނުލެވޭ މިންވަރަށް އިވެލުއޭޝަންތައް ކުރިއަށް ގެންދިއުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާ ޓަވަރުގެ ފްލެޓްތަކަށް މަހެއްގެ މައްޗަށް ދައުލަތުން ޗާޖް ކުރަނީ މެއިންޓެނެންސް ފީ ހިމެނޭހެނ މަހެއްގެ މައްޗަށްް 8500 ވަރަކަށް ރުފިޔާ އެވެ.
ސަރުކާރުގެ ސޯޝަލް ހައުސިންގެ ދަށުން، ހައްގުވެރިންނަށް ލިބޭ ފްލެޓްތައް ބޮޑު އަގުގައި ތިން ވަނަ ފަރާތަކަށް ކުއްޔަދިނުމަކީ އަބަދުވެސް ރާއްޖޭގައި ކޮށް އުޅޭ ކަމެކެވެ. އަދި ބޯހިޔާވެހިކަމަށް އެދި ތިބި ގިނަ ބައެއްގެ ޝަކުވާތައްވެސް ހިމެނޭ ކަމެކެވެ.
ހިޔާ ފްލެޓް ރައްޔިތުންގެ މަޖިލިސް ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
