އިންޑިއާގެ ތިން ސިޓީއެއްގައިިެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރޯޑް ޝޯވގެ އެންމެ ފަހުގެ އިންތިޒާމްތައް ނިންމާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
އިންޑިއާގެ ފަތުރުވެރިންނަށް އަމާޒުކޮށް އިންތިޒާމްކުރި މި ރޯޑް ޝޯވ ރާވާފައިވަނީ އެމްއެމްޕީއާރްސީއާއި މަޓާޓޯ އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެވެ.
މި ރޯޑް ޝޯ ސިލްސިލާ މާދަމާ ނިއުދިއްލީގައި ފެށުމަށް ހަމަޖެހިފައިވާއިރު، 01 އޮގަސްޓް ގައި ރޯޑް ޝޯވ މުމްބާއީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީ އިން މައުލޫމާތު ދެ އެވެ. ބެންގަލޫރުގައި ބާއްވާ އެންމެ ފަހު ރޯޑްޝޯވ ނިމޭނީ 03 އޮގަސްޓްގަ އެވެ.
މި އިވެންޓަކީ ދެ ގައުމުގެ ލީޑިން އިންޑަސްޓްރީ ސްޓޭކްހޯލްޑަރުން އެއްތަނަކަށް އެއްވެ، އާ ޕާޓްނަޝިޕްތައް އާލާކޮށް، މިހާރު އޮތް ގުޅުން ބަދަހިކޮށްދިނުމުގެ މަގްސަދުގައި ރޭވި އިވެންޓެކެވެ. މި އިވެންޓްގައި ރާއްޖެ ތަމްސީލު ކުރައްވާނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓޫރިޒަމް ޑިވެލޮޕްމަންޓްއާއި ބެހޭ އެޑްވައިޒަރު މުހައްމަދު ހަލީލް ހިމެނިވަޑައިގަންނަވާ ވަފުދަކުން ނެވެ.
މީގެ އިތުރަށްވެސް، ”ވެލްކަމް އިންޑިއާ“ ނަމުގައި ކުރިއަށްގެންދާ މި ރޯޑް ޝޯގެ މަގުސަދަކީ ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި، ލަގްޒަރީ ރިސޯޓްތަކާއި، ގެސްޓްހައުސްތައް އިޝްތިހާރު ކުރުމެވެ. މި އިވެންޓްގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ މެހެމާންދާރީ ތަޖުރިބާ ކުރުމުގެ އިތުރުން ވިޔަފާރީގެ ފުރުސަތުތައް ފަހިވާނެ ކަމަށް އެމްއެމްޕީއާރްސީން އުންމީދުކުރާ ކަމަށް ބުނެފައި ވެއެވެ.
އެއާއެކު، ކޮންމެ ރޯޑް ޝޯއަކަށް ގުރުއަތުލުމުގެ ގިވްއަވޭއެއް ރާވާފައިވާއިރު، ނަސީބުވެރިންނަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ އިނާމެއް ދިނުމަށް ރާވާފައި ވެއެވެ. ގުރުއަތު ގިވްއަވޭގެ ސްޕޮންސަރުންގެ ތެރޭގައި ކަނޑިމާ މޯލްޑިވްސް، ނޯވާ މޯލްޑިވްސް، އެރީނާ ހޮޓެލްސް، ކާނި ހޮޓެލްސް، ވިލާ ނޯޓިކާ، ސިއްރު ފެން ފުޝީ، ހޮލިޑޭ އިން ކަނޑޫމާ އަދި އަލިލާ ކޮތައިފަރު މޯލްޑިވްސް ހިމެނެ އެވެ.
އިންޑިއާއަކީ ރާއްޖެއަށް މުހިއްމު ސޯސް މާކެޓެއް ކަން ފަތުރުވެރިކަމުގެ ވުޒާރާއިން ތަކުރާރުކޮށް ފާހަގަކޮށްފައިވެ އެވެ. މި ރޯޑް ޝޯގެ ޒަރީޔާއިން އިންޑިއާ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އަލުން ހެދުމަށް އިވެންޓް ރޭވި ފަރާތްތަކުން އުންމީދުކުރެ އެވެ. “ވެލްކަމް އިންޑިއާ” ރޯޑްޝޯ ސީރީޒަކީ ކާމިޔާބީއަކަށް ވެގެންދާނެ ކަމާއި މި ޝޯވ ގެ ސަބަބުން އިންޑިއާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިކަން އިތުރަށް ހަރުދަނާކޮށްދޭނެ ކަމުގެ ޔަގީންކަން ވިޒިޓް މޯލްޑިވްސްއަށް އެބައޮތް ކަމަށް ބުނެފައި ވެއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން



