އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަންފުޅު ހުށަހަޅުއްވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު، އަހުމަދު މުނައްވަރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މުނައްވަރާ އިންޓަވިއު ކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފަ އެވެ. އަދި މުނައްވަރާ އިންޓަވިއުކުރުމުގެ މަރުހަލާ ނިންމާލުމަށްފަހު، މީގެ ކުޑަވަގުތުކޮޅެއްގެ ކުރިން ވަނީ އެމްއެމްއޭގެ ގަވަރުނަރުކަމަށް އޭނާ އައްޔަންކުރަން ފެނޭތޯ ކޮމެޓީގައި ވޯޓަށް އަހާފަ އެވެ.
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ފާސްކުރީ އެމްއެމްއޭގެ ގަވަރުނަރު ކަމަށް އޭނާ އައްޔަންކުރަން ފެންނަ ކަމަށެވެ.
މިއާއެކު މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ކޮމެޓީ ރިޕޯޓް ހުށަހަޅާނެ އެވެ. އަދި މުނައްވަރުގެ ނަންފުޅަށް މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ. މުނައްވަރު، އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރެވޭނީ މަޖިލީހުގެ ތަޅުމުން ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.
މޯލްޑިވްސް މަނިޓަަރީ އޮތޯރިޓީ ޤާނޫނުގައި ބުނެފައިވަނީ، އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު ޢައްޔަންކޮށް ވަކި ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ކުރިން ފިނޭންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމުން ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ހާޝިމްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އޭނާ މަޤާމުން ވަކިކުރުމަށް މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުންނެވެ.
ރައްޔިތުންގެ މަޖިލިސް އަހުމަދު މުނައްވަރު އެމްއެމްއޭގެ ގަވަރުނަރު މާލިއްޔަތު ކޮމެޓީ
