ވަޒީފާއާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރެވި ތަންފީޒު ކުރުމުގައި ސަރުކާރުގެ ވެރިންގެ ނުފޫޒަށް ކަންކަން ނުކުރުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.
ވަޒީފާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ މިހާރު ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ނުގެނެވޭގޮތަށް އޮތްއޮތުން ނިމުމަކަށް ގެނެސް، ބަންގަލޭޝުން މަސައްކަތްތެރިން ގެނެވޭނެ ގޮތެއް ހެއްދުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ރާއްޖޭގެ މަސައްކަތްތެރިން ކުރާ މަސައްކަތްތައް ބިދޭސީންގެ މަސައްކަތަށްވުރެ ރަނގަޅުކަމަށާއި އެހެންނަމަވެސް އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، ބިދޭސީން ގެންނަންޖެހޭ ވާހަކަ ދައްކަނީ ހަމައެކަނި ދިވެހިން ލައިގެން މަސައްކަތް ކުރިއަށް ނުގެންދެވޭތީ ކަމަށް އައްބާސް ވިދާޅުވި އެވެ.
”އަޅުގަނޑަށް ރަނގަޅީ އެންމެ ބިދޭސީއެއްވެސް ނުގެނެސް، ދިވެހި މަސައްކަތްތެރިންނާއެކު ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަރާ ދިއުން.“ އައްބާސް ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލައިގައި ދިމާވެފައިވާ ކަންކަން ވީއެންމެ އަވަހަކަށް ހައްލުކުރުމަކީ މުހިންމު ކަމެއްކަމަށްވެސް އައްބާސް ވިދާޅުވި އެވެ. އަދި މިބިލު ޤާނޫނަކަށް ވެގެންދާއިރު މި ސަރުކާރުގެ ވެރިންގެ ތެރޭގައި މި ޤާނޫނު ތަންފީޒު ކުރައްވަން ތިއްނެވި ބޭފުޅުން ނުފޫޒުގެ ބޭނުން ނުކުރުމަށްވެސް އައްބާސް ގޮވާލެއްވި އެވެ. އަދި ވަކި ކުންފުންޏަކަށް ތަފާތު ނުކުރުމަށާއި ރައްޓެހި ރަހުމަތްތެރިންނަށް ތަފާތު ނުކުރުމަށާއި ހަމަހަމަކަމާއެކު އެންމެންގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމަށް އައްބާސް ގޮވާލެއްވި އެވެ.
އެއް ގައުމަކުން ބިދޭސީން ގެނެވޭ ލިމިޓް އުވާލާ އެ ބާރުވަޒީރުންގެ މަޖިލީހަށް ދިނުމަކީ ބޮޑު ނިންމުމެއް ކަމަށާއި، ޤާނޫނު ތަންފީޒުކުރަންތިބި ފަރާތްތައް އަދި ސަރުކާރުންވެސް ރައްޔިތުންނަށް ވަފާތެރިވާންޖެހޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް



