ބިދޭސީންނަށް އިހުމާލުވާ މީހުންނަށް ފިޔަވަޅުއެޅޭގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.
ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި އިއްވާފައިވަނީ ޖުލައި 24 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ބަހުސް ފަށާފަ އެވެ. އެގޮތުން ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މި ބިލު ހުށަހެޅުއްވި މެންބަރު ދާއޫދު ވިދާޅުވީ، ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ބިދޭސީން ވަޒީފާއަށް ނެރުމަށް އިންސާފުވެރި އަދި ރެގިއުލޭޓް ކުރެވޭނެ ހާމަކަންބޮޑު ނިޒާމެއް ގާއިމު ކުރުމަށް ޤާނޫނީ ނިޒާމުގެ ތެރެއިން އެހީތެރިވާނެ ކަމަށެވެ.
”އަދި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި، ލޯކަލް ލޭބާ މާކެތް ރައްކާތެރިކުރުމާއި، ޤައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން.“ މެންބަރު ދާއޫދު ވިދާޅުވި އެވެ.
މީގެއިތުރުން ދާއޫދު ވިދާޅުވީ މި އިސްލާހުގެ ސަބަބުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލެވޭނެ ކަމަށެވެ.
މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކޮށް ވަޒީފާއާބެހޭ ގާނޫނު ތަންފީޒު ކުރުމަށް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.
މި އިސްލާހުގައި ވަނީ ބިދޭސީން ރާއްޖެ ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާން ކޮށްފަ އެެވެ. އެގޮތުން ބިދޭސީން ރާއްޖެ ގެނައުމަށްފަހު މުސާރަ ނުދީ ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގެ ގޮތުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުވާ އަދި ބިދޭސީ މީހާ ގެންނަ ވަޒީފާ ނޫން އެހެން ކަމެއް އެމީހުންލައްވާ ކުރުވާނަމަ 50،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. ޖުރިމަނާގެ އިތުރުން ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އެފަދަ ފަރާތްތަކަށް ވަކިމުއްދަތެއް ވަންދެން ބިދޭސީން ގެނައުމުގެ ހިދުމަތްތައް ހުއްޓުވާލެވޭނެ ކަމަށްވެސް އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.



