ސްޓެލްކޯއިން މާލޭގައި ބިޒްނަސް ސެންޓަރެއް ގާއިމުކުރުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
”ޖަވިޔަނި“ އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އެމްޑީ ފަހުމީ ވިދާޅުވީ, ސްޓެލްކޯގެ ފިހާރަައެއްގެ ގޮތުގައި ގާއިމު ކުރަނީ ދެ ފަންގިފިލާގެ, 7000 އަކަފޫޓުގެ ބޮޑު ތަނެއް ކަމަށެވެ. މި ފިހާރައިން ވިއްކަން ބޭނުންވަނީ 2 މެގަވޮޓްއަށްވުރެ ކުޑަ ޖެންސެޓް, ޓްރާންސްފޯމަރު, ކޭބަލް, ޕެނަލްބޯޑް އަދި އިއާދަކުރަނިވި ހަކަތައިގެ ޓޯޓަލް ސޮލިއުޝަން ލިބޭނެ ސާމާނުކަން ފަހުމީ ފާހަގަ ކުރެއްވި އެވެ.
”މާނައަކީ އަޅުގަނޑުމެން ކަންމަތީ ފިހާރައަކަށް ނުވަތަ ހާޑްވެއާ ވިޔަފާރިއަކަށް ވަންނަނީކީވެސް ނޫނޭ. މިތަން ގާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެން އަތުގައި ބެކަޕެއް ހުރުން.“
ފަހުމީ ވިދާޅުވީ ބޭނުންވަނީ ސްޓެލްކޯއިން އިންޖީނުގެ ހިންގާ ރަށެއްގެ އިންޖީނުގެއަށް ކަމެއް ދިމާވިނަމަވެސް, 24 ގަޑިއިރުތެރޭގައި އަލުން އިންޖީނުގެއެއް އަޅައިގެން ނަމަވެސް ހިދުމަތްދެވޭނެފަދަ ކެޕޭސިޓީއެއް ބިނާކުރުމަށް ކަމަށެވެ. ސްޓެލްކޯގައި އެފަދަ ކެޕޭސިޓީއެއް ހުންނަންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ކަމެއް ދިމާވުމުން އަބަދު ސަލާންޖަހާ ބައެއްގެ ގޮތުގައި ތިބެން ނުޖެހޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.
މި ބިޒްނަސް ސެންޓަރުން އާންމުންނަށްވެސް އަދި އެހެން ކުންފުނިތަކާއި ރިސޯޓްތަކަށްވެސް ބޭނުންވާނެ ތަކެތި ގަނެވޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ. އަދި މިކަން ކުރަނީ އާންމު މީހާ ކުރާ ވިޔަފާރީގެ ތެރެއަށް ވަނުމުގެ މަގުސަދުގައިވެސް ނޫންކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ނޮވެމްބަރު މަހުގެ ކުރިން ހުޅުވޭވަރަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފަހުމީ ފާހަގަ ކުރެއްވި އެވެ.


