ސްޓެލްކޯގެ ޓްރޭނިން ސެންޓަރެއް ކ. ތުލުސްދޫގައި ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
”ޖަވިޔަނި“ އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އެމްޑީ ފަހުމީ ވިދާޅުވީ, ސްޓެލްކޯއަކީ ވަރަށް ގިނަ ޓެކްނިކަލް މުވައްޒަފުންތިބި ތަނެއް ކަމަށެވެ. އެގޮތުން ބައެއް ބޭފުޅުންނަކީ އެދާއިރާތަކުން ކިޔަވައިގެން ތިއްބެވި ބޭފުޅުން ކަމަށާއި އަނެއްބައި ބޭފުޅުންނަކީ ވަރަށް ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ބައެއް ޓެކްނިކަލް ބޭފުޅުން މަސައްކަތް ކުރައްވަނީ ސަނަދުނެތި ތަޖުރިބާއަށް ބިނާކޮށް ކަމަށާއި އެހެންކަމުން އެފަދަ ފަރާތްތަކަށް ސެޓްފިކެޓް ދެވޭނެ ގޮތެއް ހެދުމަށް ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި ތުލުސްދޫގައި ޓްރެއިނިން ސެންޓަރެއް ގާއިމު ކުރާ ކަމަށް ވިދާޅުވިއެވެ. އަދި މި ޓްރެއިނިން ސެންޓަރު އަންނަ އަހަރުގެ ކުރީކޮޅު ހުޅުވޭވަރަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
”ތުލުސްދޫގައި އަޅާ ޓްރެއިނިން ސެންޓަރު ވެގެންދާނީ, ސްޓެލްކޯގެ މުވައްޒަފުންނަށް އަދި ސްޓެލްކޯއިން ބޭރު ރައްޔިތުންގެ ތެރެއިންވެސް ޓްރެއިންވާން ބޭނުންވާ ބަޔަކަށް އައިސް ޓްރެއިންނިން ހޯދައިގެން, ގައުމީ ފެންވަރުގެ ސަނަދެއް އެވޯޑްކުރެވޭ ޓްރެއިނިން ސެންޓަރަކަށް ވެގެންދާނެ.“
ފަހުމީ ވިދާޅުވީ ސްޓެލްކޯ ޓްރެއިނިން ސެންޓަރު ގުޅޭނީ ރާއްޖޭގެ ކޮންމެވެސް ކޮލެޖެއް ނުވަތަ ޔުނިވާސިޓީއަކާ ކަމަށެވެ. އަދި އެ ކޮލެޖަކުން ކަނޑައަޅާ މިންގަނޑަކަށް ގައުމީ ސަނަދާއި ގުޅޭ މުގައްރަރެއް އެކުލަވާލާ, ގައުމީ ފެންވަރެއްގެ ސަނަދެއް ސްޓެލްކޯ ޓްރެއިނިން ސެންޓަރުން ލިބޭނެ ކަމަށެވެ.
މި ޓްރެއިނިން ސެންޓަރުގައި ކިޔަވައިދޭނީ މެކޭނިކަލް އިންޖިނިއަރިންގެ ހުރިހާ ކަމެއް ކަމަށާއި އެގޮތުން އިންޖީނު ރޫޅާ, ރާވާ ހިންގުމުގެ ހުރިހާ ކަމެއް ކިޔަވައިދޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ބޭނުންވަނީ މީހުން ތަރައްގީކޮށް ބިނާކުރުމަށް ކަމަށާއި އެކުންފުނީގައި އެ ގާބިލުކަން އެބަހުރިކަމަށެވެ. އަދި މިފަދަ ޓްރެއިނިން ސެންޓަރެއް ވެގެންދާނީ މިފަދަ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވޭ އާދޮރަކަށް ކަމަށާއި އެގޮތުން މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށްވެސް މިފުރުސަތު ފަހިކޮށްދިނުމަކީ ސްޓެލްކޯގެ ބޭނުންކަމަށެވެ.


