ޕީއެންސީ ޕީޖީ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދިނީ އަމިއްލަ ކަންކަން ހުރިގޮތުން ކަމަށް ޕީއެންސީ ޕީޖީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ތޯރިގުް (ޓޮމް) ވިދާޅުވެއްޖެ އެވެ.
މަހިބަދޫ ދާއިރާ ތަމްސީލް ކުރައްވާ ތޯރިގު އެމަގާމުން އިސްތިއުފާ ދެއްވީ މިއަދު އެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވަނީ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފަ އެވެ.
”ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ލީޑަރުކަމުން އަޅުގަނޑު އިސްތިއުފާދިނީ. މިވަގުތު އަމިއްލަ ކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން“
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއާ އެކު ތޯރިގު ވަނީ އެ މަގާމަށް އައްޔަންކުރައްވާފަ އެވެ. އެބޭފުޅުންނަށް ޑެޕިއުޓީ ލީޑަރުކަން ދެއްވީ ޕާޓީގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ނެވެ.
މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ އިސް މެންބަރުންގެ ތެރޭގައި ތޯރިގު ހިމެނެ އެވެ.
ކުރީގެ ގައުމީ ފުޓްބޯޅަ ތަރިއެއް ކަމަށްވާ ތޯރިގު 2014 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް އިންތިހާބުވުމަށް ވެސް ކެމްޕޭން ކޮށްފައި ވެއެވެ.
ކޮންގްރެސް ޕާޓީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިޤް (ޓޮމް)
