ސިޔާސީ މަގާމުތަކުގެ އަދަދު ލިމިޓް ކުރަންޖެހޭ: ޝުޖާއު

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ސިޔާސީ މަގާމުތަކުގެ އަދަދު ޤާނޫނަށް އިސްލާހު ގެނެސްގެންވެސް ލިމިޓް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު ހުށަހަޅާފައިވާ ގަރާރަށް ޕީޕީއެމް ޕީއެންސީ އަދި އެމްޑީޕީގެ މަޝްވަރާ ހޯދުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓގެެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ދައުލަތަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަކުރުމަކީ ދައުލަތުގެ ތިން ބާރުންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަަދަދު ލިމިޓް ކުރުމާއި ސިޔާސީ މަގާމުތަކަށް އައްޔަނުކުރާ މީހުންގެ އަދަދު ލިމިޓް ކުރުމަކީ ޤާނޫނަށް އިސްލާހު ގެނެސްގެންވެސް މިހާރު ކުރަންޖެހިފައިވާ ކަމެއްކަމަށް ޝުޖާއު ވިދާޅުވި އެވެ.

”ރައްޔިތުންގެ މަޖިލިސް ކެޕް ކުރުމާއި އަދި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކެޕްކުރުމަކީވެސް މިހާރު ގާނޫނު ހަދައިގެން ގެންނަން ޖެހޭ ބަދަލެއް.“ ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޤާނޫނަށް ނުވަތަ ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ މެދުގައި މިފަދަ ކަންކަމާމެދު މަޝްވަރާ ކުރުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މަޖިލީހުގެ މެންބަރުކަން ކުރުމުން ލިބޭ އިނާޔަތާއި ފަނޑިޔާރުކަމުން ރިޓަޔާ ކުރުމުން ލިބޭ އިނާޔަތްތައްވެސް ވަންނަނީ ހަމަ ދައުލަތުގެ ބަޖެޓަށްކަމަށެވެ. އަދި އެކަންކަމާމެދު ރައްޔިތުން ސުވާލު އުފައްދާކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށްް ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ހުށަހެޅުއްވީ މެންބަރު ޝުޖާއު އެވެ.

ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ