ޔާމީން ސަލާމަތްވި ހުކުމުގެ ބައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ސަލާމަތްވި ހުކުމުގެ ބައެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ޔާމީން އަދި ޔޫސުފް ނައީމުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ހުކުމް ކޮށްފަ އެވެ.

ހައިކޯޓުން މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރިއިރު، އަންގާފައިވަނީ ބައެއް ހެކިތައް އެއްފަރާތް ކުރުމަށެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް އެންގީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތު ރަނގަޅު ނޫންކަމަށް ބަޔާންކޮށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ، މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށާއި، އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުން، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާ ކަމަށެވެ. އެހެންކަމުން މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް 2024 ޖުލައި 24 ގައި ހުށަހަޅާފައިވާ ކަަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވާނީ، ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތުދީ، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އެންގުމަށެވެ.

”ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާނީ މައްސަލައިގެ އިސްވެ ދެންނެވުނު ހެކިތަކާ ގުޅޭ ބައި އެކަންޏެވެ. މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެއެވެ.“ ޕީޖީ އޮފީހުން ބުނެފައިވެ އެވެ. 

އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމުގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވީ 2023 ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 11 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައިވެ އެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް އަދި ޖަލު ހުކުމް ބާތިލު ކުރުމަށް ހުކުމް ކޮށްފައިވަނީ 18 އެޕްރީލް 2024 ދުވަހު އެވެ. 

ހައި ކޯޓު ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ