ވަކިވަކި މައްސަލަތައް އަވަސްކުރުމަށް ޤާނޫނުގެ ތެރެއިން އިތުރު ކޯޓުތައް ތަޢާރަފުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން، ގައުމުގެ މިނިވަންކަން ފުރިހަމަ ގޮތުގައި ޔަގީންކުރުމަށް ދައުލަތުގެ އެހެން ބާރުތަކަށްވެސް އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަންވާނެ ކަމަށެވެ. އެގޮތުން ޖުޑީޝަރީއަކީ ކުރިން ވަރަށް އިހުމާލުވެވިފައިވާ ދާއިރާއެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”ނަނާ ހުވަފެންގެ ގޮތުގަައި އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ އަހަރުގައި ސުޕީރިއާ ކޯޓުތަކުގެ އިމާރާތް ކޯޓް ކޮމްޕްލެކްސް އަޅާނަން“
އެތަން ގާއިމުކުރައްވާނީ ހުޅުމާލޭގައިކަން ފާހަގަކުރައްވައި އެތަން ގާއިމުކުރައްވާނީ އެ ދާއިރާގެ ބޭފުޅުން އެދިވަޑައިގަންނަވާ ފެންވަރަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުރަށްވެސް ޖުޑިޝަރީގެ ދާއިރާއަށް ކުރިއެރުން ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މި ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް އެ އޮންނަ އުސޫލުތަކުގެ ތެރެއިން ގެންނެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޖޭ.އެސް.ސީ އެކުލެވިފައިވާ ގޮތަށް ބަދަލުގެނަސް ޖޭ.އެސް.ސީއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްވެސް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
