އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ 15.4 ބިލިއަން ރުފިޔާ ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް އިންނަވާ ނާޒިމް ވިދާޅުވީ، އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހާޒިރު ކުރާނެ ކަމަށެވެ. އަދި ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން ނުލިބިވާ އާމްދަނީއާ ގުޅޭގޮތުން ސުވާލު ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި އަދަދުތަކަށް ބަލާއިރު، މޭ މަހުގެ ނިޔަލަށް މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާގެ އަދަދު 15،445،526،584.29 ރުފިޔާއަށް އަރަ އެވެ. އެފައިސާއަކީ ޓްކްސްގެ ގޮތުގައި އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 9.55 ބިލިއަން ރުފިޔާއާއި ޖުރިމަނާ އަދި އިންޓްރެސްޓްގެ ގޮތުގައި ލިބެންޖެހޭ 5.89 ބިލިއަން ރުފިޔާ އެވެ.
ނާޒިމް ވިދާޅުވީ މިކަމުގައި އިތުރު ގޮތެއް ނެތް ކަމަށާއި، މިފައިސާ ދައުލަތަށް ހޯދަންޖެހޭނެ ކަމަށެވެ. އަދި މިކަމުގެ އެންމެ ފުނަަށް ވާސިލުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުތަކުގައި ދައުލަތަށް ހޯދަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދާ ހުރި ކަމަށާއި، އެގޮތުން ބިމު ކުއްޔަށް އެކަނިވެސް 513 މިލިއަން އެމެރިކާ ޑޮލަރު ނުހޯދާ ހުރިކަމަށެވެ. މީގެއިތުރުން ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޯލަރު ދައުލަތަށް ނުލިބިހުރި ކަމަށާއި، ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ، ކޯޕަރޭޓިވް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ނުލިބިވާކަން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން މިފައިސާ ދައުލަތަށް ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަސައްކަތްތަކެއް ކުރަމުންގެންދާއިރު، އެ ކޮމިޓީން މިފަހުން ވަނީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކި ކުރުމަށްވެސް ލަފާ އަރުވާފަ އެވެ. އަދި އެ ކޮމިޓީގެ ލަފަޔާއެއްގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަޝްވަރާ އެރުވުމަށްވެސް ފާސްކޮށްފަ އެވެ. އަދި މަޖިލީހުގެ އެންގުމާ އެއްގޮތަށް ރައީސް ވަނީ ގަވަރުނަރު މަގާމުން ވަކިކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މާލިއްޔަތު ކޮމެޓީ މީރާ
