ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފި އެވެ.
މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށް ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަގީގީ މާނައިގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން ދައުލަތުގެ ހަރަދުތައް ރައްޔިތުންނަށް ހާމަކުރުމަށް ގެންގުޅުއްވާނެ މުހިންމު ބައެއް ސިޔާސަތުތައް އެމަނިކުފާނު މި ޖަލްސާގައި ހިއްސާކުރެއްވިއެވެ. ދައުލަތުގެ އެކި މަޝްރޫއުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް އާންމުކުރެވޭނެ އުސޫލެއް ތައާރަފްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިގޮތަށް މިކަން ހިނގަން ފެށުމުން، އެކި ކަންކަމަށް ކުރާ ހޭދަ ރައްޔިތުންނަށް އޮޅުންފިލުމުގެ އިތުރަށް، ބިލްތައް ލިބެމުންދާ ތަރުތީބުން ފައިސާ ދައްކަމުން ދިޔުމަށް މަގުފަހިވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުން މުޅިން އަލަށް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް އާންމުކުރަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހަމަ އެއާއެކު އަހާ ފޯރަމްގައި ރައްޔިތުންނަށް ލައިވްކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރުންނާ ސުވާލުކުރުމަށް ފުރުސަތު ފަހިކޮށްދެއްވަމުންދާކަމަށާ، ރައްޔިތުން ބޭނުންވާ ކަންކަން އަހާ އޮޅުންފިލުވުމަށް ގިނަ ދޮރުތައް ހުޅުވާދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައްޔިތުންގެ ޝަކުވާތަކާ ހިޔާލު ސީދާ ރައީސަށް ހުށަހެޅުމަށް ހުޅުވާލާފައިވާ ޕޯޓަލްއަށް ލިބޭ ހުށަހެޅުންތަކަށްވެސް ޖަވާބުދެމުން ގެންދަވާކަން ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވި އެވެ.
މީގެ އިތުރުން، މީޑިއާތަކުން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފަސޭހަ ކޮށްދެއްވާނެކަމަށާ، މީޑިއާތައް ފުރިހަމައަށް ހަރުދަނާ ގޮތެއްގައި ހިންގުމަށް މި ސަރުކާރުން މީޑިއާ ވިލެޖް ގާަާއިމުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުގެ އަދާހަމަ މި ޖަލްސާގައި ރައީސް ވަނީ ހިއްސާ ކުރައްވާފަ އެވެ. މި ވިލެޖް ގާއިމުކުރައްވާނެ ތަން ހަމަޖައްސަވައިފިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި މީޑިއާ ވިލެޖްގެ ހިދުމަތް ލިބެން ފަށާނެ ކަމަށެވެ. އަދި ނޫސްމީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއްގެ އެހީއެއް ދެއްވުމަށް ވެވަޑައިގަތް ވައުދުގެ ދަށުން، އަންނަ އަހަރު ނޫސްމީޑިއާތަކަށް ފައިސާ ދެއްވަން ފައްޓަވާނެކަންވެސް މި ޖަލްސާގައި ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އިއްޔެއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުނު 60 ވަނަ މިނިވަން ދުވަހެވެ.
