ނަމާދަށް ހުރި މީހެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފި އެވެ.
ސަލްމާން މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ދަބަސް ވަގަށްނެގި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުަމށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ އިއްޔެ އެވެ.
އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި އޭނާއާ ދެކޮޅަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ދަބަހުގެ ވެރިފަރާތުގެ ބަޔާނަކާއި ސީސީޓީވީ ސްނެޕްޝޮޓް ހުށަހަޅާފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން ކޯޓުގައި ބުނެފައިވަނީ، ސަލްމާން މިސްކިތަށް ނަމާދަށް އެރި މީހެއްގެ ދަބަސް ވަގަށް ނެގިކަމަސް ރިޕޯޓް ކޮށްފައިވާ ކަމަށާއި، ރިޕޯޓްކުރި ކަމަށް ބެލެވޭ ދަބަސް އަޅުވައިގެން ސަލްމާން މިސްކިތް ސަރަހައްދުން މީނާ ނުކުންނަ މަންޒަރު ފުޓެޖުން ފެންނަ ކަމަށެވެ. މީނާއަކީ މިސްކިތްތަކުން ވައްކަންކުރުމުގެ އަދި ހައްޔަރު ރެކޯޑް އޮތް ފަރާތެއްކަން ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.
މީނާ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައިވާތީ ވަކީލަކު އައްޔަނުވުމުން ބަންދު މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.
