ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން: ރައީސް

Advertisement

އެންމެ ފަސް

Advertisement

ބްރިޖް އިން ޓޯލް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެ ސިޔާސަތެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރޭގައި އިއުލާން ކުރެވުނު ”މާލެ ފަހި“ ޕޮރޮގްރާމުގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާއެއް އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.

”ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން. ރޭގައި އިޢުލާން ކުރެވުނު ”މާލެފަހި“ ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އަޅުގަނޑަށް އެރުވުމުގެ ނިޔަތުގައި. އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ގައުމާއި ރައްޔިތުންގެ ޢިގްތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން“

އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގގެ މައްސަލަ ހައްލު ވުމުގެ ކުރިން، ގައުމާއި ރައްޔިތުންގެ ޢިގްތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައި ވެއެވެ.

ސިނަމާލެ ބްރިޖާއި ހުޅުމާލެ ހައިވޭ ބޭނުން ކުރުމަށް ޓޯލް ފީއެއް ނެގުމާ ގުޅޭ ގޮތުން އަންނަ މަހު ސާވޭއެއް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ރޭގެ ރަސްމިއްޔާތުގައި ބުނެފައި ވެއެވެ. ބްރިޖް ބޭނުންކުރުމަށް ޓޯލް ފީ ނަގާފާނެތީ ވަރަށް ގިނަ އާންމުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޗައިނާގެ ކޮންޓްރެކްޓަރު ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ބްރިޖް ހެދުމުގެ މަސައްކަތް ކުރިއަށްދިޔަ ދަނޑިވަޅުގައި ދަތުރުވެރިންގެ އަތުން ފީއެއް ނެގުމާ ބެހޭ ގޮތުން ވެސް މަޝްވަރާތައް ވަނީ ބާއްވާފަ އެވެ.

އެ ވަގުތު އެ ސަރުކާރުން އެގޮތަށް ހުށަހެޅީ ޓޯލް ސިސްޓަމަށް ފަހު ބްރިޖުގައި ޓްރެފިކް ތޮއްޖެހުން ހުއްޓުވައި، ދަތުރުތަކުގައި އުޅަނދުތަކަށް ދަތިތަކެއް ކުރިމަތި ނުވާ ނިޒާމެއް ކަށަވަރުކޮށްދިނުމުގެ ތަސައްވުރުގަ އެވެ.

ބްރިޖް މަރާމާތުކުރުމާއި ބެލެހެއްޓުމަށް ކުރާ ހަރަދު ބޮޑުކަމުން ބްރިޖުން ދަތުރުކުރާ މީހުންގެ އަތުން ފީ ނަގަން ޓޯލް ނިޒާމު ގާއިމްކުރުމަށް 2018 ވަނަ އަހަރުގެ އަހަރީ ދައުލަތުގެ ބަޖެޓުގައި 56 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ކަނޑައަޅާފައިވެ އެވެ.

ނަމަވެސް ޓޯލް ނިޒާމެއް ނެތި އެ އަހަރު ވެރިކަން ނިމުމާ ގާތަށް ބްރިޖް ހުޅުވި އިރު އޭގެ ފަހުން ވެރިކަމަށް ވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ޓޯލް ފީއެއް ނަގަން ނިންމާފައިނުވެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ