ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި ހުއްދަ ނުނަގާ އިމާރާތްކުރުމުގެ މަސައްކަތްތައް ނުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.
މިހާރަކަށް އައިސް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރާއިރު، އެޗްޑީސީން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއްނެތި ގޯތިތެރޭގެ މަސައްކަތް ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އެކަން އެގޮތަށް ނުކުރުމަށް މީގެ ކުރިންވެސް އިލްތިމާސްކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އެ ކޯޕަރޭޝަނުން ނަގަންޖެހޭ ހުއްދަ ނުނަގާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށް ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާކަން އެޗްޑީސީ އިން ފާހަގަކުރި އެވެ.
އެކަމަކީ ހުޅުމާލޭގައި އިމާރާތްކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު އަދި ކުރުން މަނާ ކަމެއްކަމަށްވެސް ވެސް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން، ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ހަދަން ފެށުމުގެ ކުރިން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމަށް އެޗްޑީސީއިން އިލްތިމާސްކުރި އެވެ. އަދި ހުއްދަ ނުނަގާ ގަވާއިދާ ހިލާފަށް ބިންތައް ބޭނުންކުރަމުންދާ ފަރާތްތަކާމެދު، ކަމާގުޅުންހުރި ވުޒާރާތަކާ ގުޅިގެން އޮންނަ އުސޫލުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
