އެމްޑީޕީއަކަށް ތަރައްގީގެ ވާހަކައެއް ނުދެއްކޭނެ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
މަމްދޫހު މިގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަަލްސާގައި ވާހަކަދައްކަވަމުން ނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ ނިމިިދިޔަ އެމްޑީޕީ ވެރިކަމުން 64 ބިލިއަން ރުފިޔާއިން ދިވެހި ދައުލަތް ދަރާލާފައިިދިޔައިރު 28 ރަށުގައި ނަރުދަމާގެ މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ. ވީމާ، މިއަދު އެމްޑީޕީއަކަށް ތަރައްގީގެ ވާހަކަ ނުދެއްކޭނެ ކަމަށް މަމްދޫހު ވިދާޅުވި އެވެ.
”25 މިލިއަނުން 70 މިލިއަނުން ރަށްރަށުގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ކައިރި މީހުންނާއި ޕާޓީ މީހުންނަށް ބަހާލައިގެން ތިބިއިރު އެއްވެސް ރަށެއްގައި މި ދެންނެވި ގޮތަށް ބަހާލާފައި ހުރި. ހަމަގައިމުވެސް އަޅުގަނޑުމެންގެ ދާއިރާގައި ނެތް ނަރުދަމާއެއްހާ ވަރުވެސް ނިންމާލެވިފައި. މި ދައްކަނީ 5 އަހަރު ތެރޭގައި ނުވީ ކަންކަމުގެ ވާހަކަ. އެންމެ އަސާސީ ކަންތައްތައް ނުވެ، އެވާހަކަ މިއަދު މަޖިލީހުގައި، ތިމަންނަމެންވެސް އެކަންކަން ކުރަން ބޭނުންވީމަ، އަޅުގަނޑުމެންނަށް ކަމަކު ނުދޭ“
މަމްދޫހު ވިދާޅުވީ ވޯޓު ހޯދުމުގެ މަގްސަދުގައި ރައްޔިތުންނަށް ހަޖޫ ޖަހަން ކަނޑުންނާއި ފަޅުން އެމްޑީޕީން ގޯތި ދީފައިވާ ކަމަށެވެ. މިހާރުވެސް ދިވެހި ރައްޔިތުންނަށް އެމްޑީޕީން ހަޖޫ ޖަހަމުންދާ ކަމަށް މަމްދޫހު ވިދާޅުވެފައި ވެއެވެ. މިހާރު އެމްޑީޕީން ހަދާ ދޮގު ’ފިތުނައިގަ‘ ދިވެހިން ނުޖެހޭނެ ކަމަށް މަމްދޫހު ވިދާޅުވި އެވެ.
”ދިވެހި ރައްޔިތުންގެ ލޯމަތީގައި އަނދުން އަޅަން ކަނޑުންނާއި ފަޅުން ގޯތި ދޫކޮށް، ތިމަންނަމެންނަށް ވޯޓު ދޭށޭ. ދިވެހިން މިއަދު އެހާ ގަމާރެއް ނުވާނެ. އެމްޑީޕީއަށް ދިވެހިން ރަނގަޅު ޖަވާބެއް ދީފައި އޮންނާނީ 2023 ގަ. 2024 ގައި މަޖިލީސް އިންތިހާބުގައި“
މި ސަރުކާރުން ރާއްޖެއަށް ތަރައްގީ ގެންނަން އާބަން ސެންޓަރުތަކާއި އާބަން ރީޖަންތަކާއި މެޓްރޮޕޮލިޓަން ސަރަަހައްދުތައް ކަނޑައަޅާފައިވާ ކަމަށް މަންޑޭ ފާހަގަކުރެއްވި އެވެ. ދިވެހި ރާއްޖެއަށް އެކި ގޮތްގޮތުން ލިބެމުންދިޔަ އެހީތަކާއި ތަރައްގީގެ ނަމުގައި ނަގަމުންދިޔަ ބޮޑެތި ލޯނުތައް އެއްކޮށް ’ދިރުވާލައިގެން‘ އެމްޑީޕީން ވާހަކަ ދައްކަމުންދާ ކަމަށް މަންޑޭ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު