ބިދޭސީންނަށް އިހުމާލުވާ މީހުންނަށް ފިޔަވަޅުއެޅޭގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކޮށް ވަޒީފާއާބެހޭ ގާނޫނު ތަންފީޒު ކުރުމަށް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.
މި އިސްލާހުގައި ވަނީ ބިދޭސީން ރާއްޖެ ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާން ކޮށްފަ އެެވެ. އެގޮތުން ބިދޭސީން ރާއްޖެ ގެނައުމަށްފަހު މުސާރަ ނުދީ ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގެ ގޮތުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުވާ އަދި ބިދޭސީ މީހާ ގެންނަ ވަޒީފާ ނޫން އެހެން ކަމެއް އެމީހުންލައްވާ ކުރުވާނަމަ 50،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.
ޖުރިމަނާގެ އިތުރުން ބިދޭސީންނާމެދު އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އެފަދަ ފަރާތްތަކަށް ވަކިމުއްދަތެއް ވަންދެން ބިދޭސީން ގެނައުމުގެ ހިދުމަތްތައް ހުއްޓުވާލެވޭނެ ކަމަށްވެސް އިސްލާހުގައި ބަޔާން ކޮށްފައިވެ އެވެ.