މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވަމުން ގެންދާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ސިލްސިލާގެ ފަސްވަނަ ސިމްޕޯސިއަމް އިފްތިތާހުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު އިފްތިތާހުކުރި މި ސިމްޕޯޒިއަމް މާދަމާގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސިމްޕޯސިއަމް ކުރިއަށް ދާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގަ އެވެ. މި ސިމްޕޯސިއަމަށް ހުށަހަޅާ ދިރާސާތަކުގެ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން، މިއިވެންޓް އޮންލައިންކޮށް ބެލޭނޭ އިންތިޒާމްވެސް މިނިސްޓްރީން ހަމަޖައްސާފައި ވެެއެވެ.
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މިސިމްޕޯސިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ. ދެ ދުވަހަކަށް ބަހާލައިގެން ބާއްވާ މިސިމްޕޯސިއަމްގައި މިއަހަރު ހުށަހެޅުމަށް ހަމަޖެހިފައިވާ ޖުމްލަ 63 ދިރާސާގެ ތެރޭގައި 35 ޕްރެޒެންޓޭޝަނާއި 28 ޕޯސްޓަރު ހިމެނެ އެވެ. ހުށަހެޅިފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ހަ ދާއިރާއަކަށެވެ. މި ދާއިރާތަކަކީ: ’ކޮރަލްސް އެންޑް ރީފް އިކޮލޮޖީ’، ’ފިޝަރީޒް އެންޑް އެކުއަކަލްޗަރ’، ’ޝާރކްސް އެންޑް ރޭސް’، ’އަދަރ މެރިން މެގަ-ފައުނާ’، ’މެންގްރޫވްސް އެންޑް ސީ ގްރާސެސް’، އަދި ’މިސެލޭނިއަސް މެރިން ތީމްސް‘ އެވެ.
މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ފިޒޝަރީޒް މިނިސްޓްރީން ބުންޏެވެ.
ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި، ސިމްޕޯސިއަމް ހިންގާ ފަރާތްކަމުގައިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށްވެސް ހަމަޖެހިފައި ވެއެވެ.
ގިނަ އަހަރުތަކަކަށްފަހު މޯލްޑިވްސް މެރިން ރިސާރޗް ބުލެޓިން އަލުން އިއާދަކުރުމަށް ބުލެޓިންގެ 9 ވަނަ އަދަދު ނެރުމާއި އިންސްޓިޓިއުޓަށް ރިސާރޗް ދާއިރާތަކުން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ހަމަޖެހިފައި ވެއެވެ.
މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް