މިނިވަން ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ހުކުރު ދުވަހު ހަވީރު އެއްވެސް ވެހިކަލެއް މާލޭ މަގުމަތީގައި ދުއްވުން މަނާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި އެމްއެންޑީއެފުން އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހިނގާލުން ކުރިއަށް ގެންދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖް ކުރުމަށް ދަތިވާނެތީވެ، ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.