ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރުމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ކުރިން ނިންމުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ އިއްޔެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާ ކަމަށެވެ.
މޯލްޑިވްސް މަނިޓަަރީ އޮތޯރިޓީ ޤާނޫނުގައި ބުނެފައިވަނީ، އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު ޢައްޔަންކޮށް ވަކި ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު މުނައްވަރު މިވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުން އިންޓަވިއުއަށް ތާވަލު ކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން މި މައްސަލައިގައި މާލިއްޔަތު ކޮމިޓީން ގޮތެއް ނިންމުމަށެވެ.
ކުރިން ފިނޭންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާއެރުވުމަށް ފާސްކޮށްފައިވެ އެވެ. މިގޮތަށް ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލިސް އަހުމަދު މުނައްވަރު އެމްއެމްއޭގެ ގަވަރުނަރު