ރާއްޖެއަށް އީ-ކޮމާސް ޕްލެޓްފޯމްތައް ތައާރަފްކުރުމާއި ގުޅޭގޮތުން އެމެރިކާގެ ސަފީރާއެކު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޝްވަރާކުރައްވައިފި އެވެ.
މިނިސްޓަރު ސައީދު، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށްގެންދަވާފައިވަނީ މިއަދު ހެނދުނު އެވެ.
މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާ ސަފީރާއެކު ބޭއްވުނު ބައްދަލުވުމުގައި ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެވުނު ޓްރޭޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރީމެންޓް (ޓީފާ) އާއި ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެންމެ މުހިންމުކަމެއްގެ ގޮތުގައި މަޝްވަރާކުރެވުނީ ދިވެހި ވިޔަފާރިވެރިންނަށް އީ-ކޮމާސް ޕްލެޓްފޯމްތައް ތައާރަފްކުރުމާއި ގުޅޭގޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އީ-ކޮމާސް ޕްލެޓްފޯމްތަކުގެ ފަސޭހަކަން ދިވެހި ވިޔަފަރިވެރިންނަށް ލިބޭނެހެން އީ-ވޮލެޓްގެ ހިދުމަތްތައް ތައާރަފްކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެކެވެ.
ރާއްޖެއަށް އީ-ވޮލެޓް ތައާރަފްކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބީއެމްއެލް ކާޑު މެޝިންތަކުގައި ވީޗެޓް ޕޭ ބޭނުންކުރެވޭގޮތް ވަނީ ހަދާފަ އެވެ.
ރާއްޖެ - އެމެރިކާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް