މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަޤާމުން އަލީ ހާޝިމް ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުން ލަފާދެއްވާފައިވާގޮތަށް ގަވަރުނަރުގެ މަޤާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވާފައިވާކަމަށެވެ. އަދި އެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ.
މުނައްވަރު މިހާރު ހުންނެވީ މި އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގަ އެވެ.
ގަވަރުނަރުގެ މަޤާމުގައި ހުންނެވި އަލީ ހާޝިމް މަޤާމުން ވަކިކުރަން ރައީސަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު އެވެ. ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ. ހާޝިމް މަގާމުން ވަކިކުރުމާ ދެކޮޅަށް 9 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
މޯލްޑިވްސް މަނިޓަަރީ އޮތޯރިޓީ ޤާނޫނުގައި ބުނެފައިވަނީ، އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު ޢައްޔަންކޮށް ވަކި ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.