ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި ޔޫސުފް މާނިއު ވަކިކޮށް، އެ މަޤާމަށް ފާޠިމަތު ދިޔާނާ އައްޔަންކޮށްފި އެވެ.
ކަސްޓަމްސްގެ ވެރިޔަކަށް ދިޔާނާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މީގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ފާޠިމަތު ދިޔާނާ، ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގަ އެވެ. އަދި ފާޠިމަތު ދިޔާނާ، މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގަ އެވެ.
މީގެކުރިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި ޔޫސުފް މާނިޢު މުޙައްމަދު، މިއަދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ބަދަލުކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެނެންވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީސް ކަސްޓަމްސް ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު