ގދ. ގައްދޫއިން ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ގދ. ތިނަދޫއިން އައި ފިރިހެނެއް ކަމަށް ގައްދޫ ކައުންސިލުން ބުނެފި އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތުދެމުން ގައްދޫ ކައުންސިލު މެންބަރު އަލީ އަބްދުﷲ ވިދާޅުވީ ރޭ ހިނގި ޖިންސީ ގޯނާކުރުމުގެ މައްސަލައިގައި އެ ރަށުން ހައްޔަރުކޮށްފައިވަނީ އެ ރަށުގައި ދިރިއުޅޭ ފިރިހެނެއް ނޫން ކަމަށެވެ. އަދި ޖިންސސީ ގޯނާގެ ޝިކާރައަކަށްވީ ވިކްޓިމްއަކީވެސް އެހެން ރަށަކަށް ނިސްބަތްވާ ފަރާތެއް ކަމަށް ކައުންސިލުން ބުންޏެވެ.
ރަށުގެ ރައްޔިތުންނާއި ހަވާލާދީ އަލީ ވިދާޅުވީ އެ ރަށަށް އެ އަންހެން މީހާއާއި ފިރިހެން މީހާ އައިސްފައިވަނީ ރަސްމީ މަސައްކަތެއްގައި އެ ދެ މީހުން މަސައްކަތްކުރާ ކުންފުނީގެ ފަރާތުން ކަމަށެވެ. އަލީ ވިދާޅުވީ އެ ދެ މީހުން ރަށަށް އެންމެ ފުރަތަމަ އައީ އިއްޔެގެ ވަގުތެއްގައި އޮފީސް ޓީމްއަކާއި އެކުގައި ކަމަށެވެ.
ފުލުހުން މިއަދު ބުނީ ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ.