އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ. ހާޝިމް މަގާމުން ވަކިކުރުމާ ދެކޮޅަށް 9 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހާޝިމް ގަވަރުނަރުގެ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ނިންމީ ޖަވާބުދާރީވުމށް ތިން ފުރުސަތެއް ދިނުމަށްފަހު އެވެ. އެހެންނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ، ހާޝިމް ކޮމިޓީއަށް ހާޒިރުވެފައެއް ނުވެ އެވެ.
މޯލްޑިވްސް މަނިޓަަރީ އޮތޯރިޓީ ޤާނޫނުގައި ބުނެފައިވަނީ، އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު ޢައްޔަންކޮށް ވަކި ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ހާޝިމް ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ކޮމިޓީން ނިންމި ނިންމުމުގައި ބުނެފައިވަނީ، ހޮންގކޮންގ އެންޑް ޝަންހާއި ބޭންކިންގ ކޯޕަރޭޝަން (އެޗް.އެސް.ބީ.ސީ) ފަދަ ބޮޑެތި ބޭންކުތައް ރާއްޖެއިން އެކްޒިޓްވުމުގެ މަރުހަލާކުރިޔަށްދާއިރު، ދައުލަތުގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ނާޒުކުވެފައިވާ މި ދަނޑިވަޅުގައި މިފަދަ ބޭންކުތައް ރާއްޖެއިން އެކްޒިޓް ވިޔަނުދިނުމަށް އެދެވިގެންވާ މަސައްކަތްތަކެއް، އެމްއެމްއޭއިން ކުރައްވަމުންނުދާކަން ފާހަގަކުރައްވާ، އަދި މިފަދަ ބޭންކުތަކުން ސަރުކާރުން ގިނަ ޢަދަދެއްގެ ޓީބިލްތަކެއް ގަނެފައިވާއިރު، މި ދަނޑިވަޅުގައި މިފަދަ ބޭންކުތައް އެކްޒިޓްވުމަކީ ދައުލަތަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ވެގެންދާނެ ކަމެއްކަމަށް ކޮމިޓން ފާހަގަކުރެވޭ ކަމަށެވެ.
މީގެއިތުރުން ދައުލަތުގެ މާލީ އަދި އިޤްތިޞާދީ ކަންކަން ހަރުދަނާކުރުމާ ގުޅގޮތުން، 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން އިސްނަގައިގެން މާލީ ވުޒާރާއަށް ލަފާފުޅެއް ދެއްވާފައި ނުވާކަންވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.