ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާ ކުރިއަށްދާ ވަގުތު ނަމާދު ގަޑިޖެހުމުން ތަޅުމުގައި ބަންގީގެ އަޑުއިވޭނެގޮތަށް ބަންގި ޖަހަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު މެންދުރު ނަމާދުގެ ބަންގި ވަގުތުގައި މަޖިލީހުގެ ތަޅުމުގައި ވެސް ވަނީ ބަންގި ޖަހާފަ އެވެ. މިއީ މަޖިލީހުގެ ތަޅުމުގައި ނަމާދު ވަގުތަށް ބަންގި ޖަހަންފެށި ފުރަތަމަ ފަހަރެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ނިންމެވުމުގެ މަތިން، ނަމާދު ވަގުތުގައި މަޖިލިސް ތަޅުމުގައި ބަންގިޖަހަން ފަށާފައިވާއިރު، މި ނިންމެވުމަށް މެންބަރުން ވަނީ މަޖިލިސް ރައީސްއަށް ތައުރީފު ކުރައްވާފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންދުރު ނަމާދު ވަގުތަށް ބަންގި ޖެހުމާގުޅިގެން، ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު ވަނީ މަޖިލިސް ރައީސް އަބްދުއްރަހީމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވީ މިއީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ރިޔާސަތުގައި މުހިންމު ފިޔަވަޅެއް އެޅުއްވި ދުވަހެއް ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު ގުގުމައިގެން ދިއުމަކީ މަޖިލިސް ރައީސް ކުރެއްވި ވަރަށް މުހިންމު ކަމެއްކަމަށްވެސް ވިދާޅުވި އެވެ.