އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިނގަމުންދާ ޝަރީއަތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާކަމަށް ދައްކަމުންދާ ވާހަކަތައް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދޮގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުންނާއި ޝަރުއީ ނިޒާމަށް އޮތް އިތުބާރު ގެއްލުވާލީ އެމްޑީޕީން ކަމަށެވެ.
މި ބަހުސްގައި ވާހަކަ ދައްކަވަމުން އައްބާސްވަނީ ރައީސް މުއިއްޒު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ޝަރިއަތަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް އައްބާސް ރައްދު ދެއްވި އެވެ.
”ސިޔާސީ ބޭނުމަކަށްޓަކައި، ޕާޓީ ނުހިނގާ އޮތީމަ، ޕާޓީ އެކްޓިވް ކުރަންވެގެން، ރައީސް ޔާމީންގެ ޝަރީއަތަށް މިސަރުކާރުން ނުފޫޒުފޯރުވީއޭ ކިޔަނީ. ދޮގެއް އެއީ.“ އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ފޯރުވި ވާހަކަ އެއްވެސް ފަނޑިޔާރަކު ނުދައްކާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަނީ އެކި ސިޔާސީ ބޭނުމުގައި ކަމަށް އައްބާސް ވިދާޅުވި އެވެ.
މީގެއިތުރުން އައްބާސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތެރެއިން ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު ވައްކަމެއް ކުރިކަން އެންމެނަށް އެނގޭ ކަމަށާއި އެ ވައްކަން ވީއެންމެ އިންސާފުވެރިކޮށް ތަހުގީގުކުރަންޖެހޭ ކަމަށެެވެ.
ރައްޔިތުންގެ މަޖިލިސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް