ފެންނަނީ ސަރުކާރުގެ ނުފޫޒުތަކުން އަދުލު އިންސާފުގެ ދާއިރާ މިނިވަންވާ މަންޒަރު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފެވެ.
ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސްއޫލިއްޔަތު ދިވެހި ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކުރީ ފޮނި އުންމީދުތަކާއެކު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑުގެ އަޣުލަބިއްޔަތެއް ރައީސް މުއިއްޒުއަށް ރައްޔިތުން ދިނީ ފަނޑިޔާރުގެއަކީ ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ހެދުމަށް ބޭނުމުގައި ކަމަށްވެސް ޝުޖާއި ވިދާޅުވި އެވެ.
ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުން ފެނިގެންދަނީ ސަރުކާރުގެ ނުފޫޒުން އަދުލު އިންސާފުގެ ދާއިރާ މިނިވަންވެގެންދާ މަންޒަރު ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
”މި ޤާނޫނުން ފެނިގެންދަނީ އެއްކޮށް ސަރުކާރުގެ ނުފޫޒުތަކުން މި [އަދުލުއިންސާފުގެ] ދާއިރާ މިނިވަންވެގެންދާ މަންޒަރު.“ ޝުޖާއު ވިދާޅުވިއެވެ.
ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ވާހަކަތަކަކީ ކުރީގެ ހުރިހާ ސަރުކާރުތަކުންވެސް ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެހެންނަމަވެސް ކުރިން އެކަމުގައި އެއްވެސް މަސައްކަތް ނުކުރެވި އޮތްކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ.
ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި ހިމެނޭ ބަންޑާރަނައިބު ބާކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގައި ނުހިމެނޭގޮތަށް އިސްލާހު ސަރުކާރުން ހުށަހެޅުމުން ފެނިގެންދަނީ ރައީސް މުއިއްޒުގެ އިހުލާސްތެރިކަންކަމަށެވެ. އަދި މި އިސްލާހުން، ރައްޔިތުންނަށް އުންމީދުތަކެއް ލިބިދޭކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ޖުޑިޝަރި އިސްލާހު ކުރުމުގެ ވާހަކަ ދައްކާފައިވަނީ ހަމައެކަނި ވާހަކައެއްގެ ގޮތުގައިކަން ފާހގަަކުރައްވާ ޝުޖާއު ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކަވެސް ފާއިތުވި ފަސް އަހަރު އިވުނު ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ޖޭއެސްސީ އެކުލެވޭގޮތް އިސްލާހު ނުކުރާކަމަށް ޝުޖާއު ވިދާޅުވިއެވެ.
”ސަރުކާރުގެ ނުފޫޒު އަދުލުއިންސާފުގެ ދާއިރާއަށް ވަނުމަށްޓަކައި ހުރި ހުރިހާ ދޮރުތަކެއް ބަންދުކޮށް، ޤާނޫނީ ފަންނުގެ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަންދީ އަދި އެބޭފުޅުންނަކީ މުސްތަގިއްލު ބައެއްގެ ގޮތުގައި، މި އިސްލާހުން ކަނޑައެޅިގެން އެބަދޭ.“
ޝުޖާއު ވިދާޅުވީ މި އިސްލާހު ފާސްވެ ތަސްދީގުކުރެވުމުން މި ދާއިރާއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ.