ބަންގްލަދޭޝްގައި ތިބި ދެ ދަރިވަރެއް ރާއްޖެ ގެންނަން އުޅޭ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު، އެ ސްކޫލްތައް ބަންދުކުރުމުން، އެނބުރި ރާއްޖެ އަންނަން ގަސްތުކުރާކަމަށް މިނިސްޓްރީއަށް އަންގާފައިވާ ކަން ހާމަކޮށްފަ އެވެ. އަދި މި ދެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރ ހުރަސްކުރުމުގައި ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އެހީތެރިކަން ފޯރޮކޮށްދީފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝަގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ނެވެ. އެގޮތުން، ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި، އާއިލާތަކާއި، އެކި ކަންކަމުގައި ބަންގްލަދޭޝްގައި ތިބި ދިވެހިންނަށް ގުޅައި، ހާލު ބަލައި، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި، މިވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ޖުމްލަގޮތައްގައި ރަނގަޅުކަމަށްވެސް ހައިކޮމިޝަނުން ވަނީ މައުލޫމާތު ދީފައި ވެއެވެ.
މިވަގުތު ބަންގްލަދޭޝުގައި ކާފިއު އިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓްރީއިން ތަކުރާރުކޮށް އިލްތިމާސް ކޮށްފައި ވެއެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދިފައި ވެއެވެ. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު ތިރީގައި މިވަނީ އެވެ.
ގުޅޭނެ ނަންބަރު: +880 1329 748 885 / +880 1708 120 318
މީގެ އިތުރުން، ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރ ކަމުގައިވާ 7983400 އަށް ގުޅޭނެ ކަމުގައިވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ރާއްޖެ - ބަންގްލަދޭޝް ބަންގްލަދޭޝް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް