ބޭރު ގައުމުތަކުގައި އިތުރު ކުޅިވަރުތަކުން ރާއްޖެ ބައިވެރިވާ ފެންވަރަށް މި ސަރުކާރުން ރާއްޖޭގައި ކުޅިވަރު ތަރައްގީ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ޕެރިސް 2024 އޮލިމްޕިކްސް“ ގައި ރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެންދިއުމަކީ މިސަރުކާރުގެ ސިޔާސަތެއް ކަމުގައެވެ.
”އަޅުގަނޑުމެން ރާއްޖޭގެ އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ކުރަން ނިންމާފައި، ފެށުމުގެ މަސައްކަތުގެ މަރުޙަލާގައި މިދަނީ. ރާއްޖޭގައި އިންޓަރނޭޝަނަލް ފެންވަރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެވޭ ފެންވަރަށް އެކި ކުޅިވަރުތައް ކުރިއެރުވުމަށްޓަކައި އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، އެހެނިހެން ވަސީލަތްތައް އިތުރުކޮށް ދިނުމާއި، މިފަދަ އެތައްކަމެއް އެވަނީ ޕްލޭން ކުރެވި، އަދި ކުރަން ނިންމައި، މަސައްކަތް ފެށިފައި. އިރާދަކުރެއްވިއްޔާ މިފަހަރު މި ބައިވެރިވާ ފަސް ކުޅިވަރުގެ އިތުރަށް އަދި ކުރިއަށްއޮތް މުބާރާތްތަކުގައި އިތުރު ކުޅިވަރުތަކަށް ރާއްޖޭގެ ފަރާތުން އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު“
މީގެ އިތުރުން ސަރަހައްދީ ފެންވަރުގައާއި އަދި ބައިނަލްއަގްވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކިތަރުތީބެއްގެ މަތީން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ކުޅިވަރު ތަރައްގީ ކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުން ހާއްސަކަމެއްދެއްވައިގެން އިންގިލާބީ ބަދަލެއް ކުޅިވަރުގެ ދާއިރާއަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ”ޕެރިސް 2024 އޮލިމްޕިކްސް“ގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރުދެއްވައި ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފަ އެވެ.
”ޕެރިސް 2024 އޮލިމްޕިކްސް“ ގައި ރާއްޖެ ތަމްސީލުކުރަނީ 5 ކޮންޓިންޖެންޓް އެވެ. މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާ ފަހަރެވެ.