ނިމިދިޔަ ޖޫން މަހުން ފެށިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ފަރުވާކުޑަ މުވައްޒަފުން ކަނޑަަން ފަށާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯ އިން މިހެން ބުނީ އެކުންފުނިން ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ އަަދަދެއްގެ މުވައްޒަފުން މިފަހުން އައިސް ކަނޑަމުންދާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކުރަމުންދިއުމާއި ގުޅިގެން ނެވެ. އެ ނޫސްތަކުގައި ވާގޮތުންނަމަ މިފްކޯއިން މިގޮތަށް އަމަލުކުރަމުންދަނީ ދާދި ފަހުން ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ނެވެ. އެ ނޫސްތަކުގައި ވަނީ މިހާތަނަށް މިފްކޯއިން 28 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެފަ އެވެ.
މިވާހަކަތަކަށް ރައްދު ދެމުން މިފްކޯއިން ބުނީ ކުންފުނިން މުވައްޒަފުން ވަކިކުރަން ފެށީ އަލަކަށް ނޫން ކަމަށެވެ. އަދި ވަޒީފާއިން ކަނޑާލާފައިވާނީ ކުންފުނިން ނާޖާޒާއިޒް ފައިދާ ނެގި މުވައްޒަފުންތަކެއް ކަމަަށްވެސް މިފްކޯއިން ބުންޏެވެ. އަދި އެކަމާއި ވެރިންގެ މުސާރަ ކުޑަކުރުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށް މިފްކޯއިން ބުންޏެވެ.
”މިއީ ޖޫން މަހުން ފެށިގެން ކުރިއަށްދާ އެކްސަސައިޒްއެއް. އަލަށް ވަކި ކުރީ ނޫން. ފަހަރެއްގައި އޮޅުމެއް އަރާފާނެތީ ދަންނަވާލީ“
ހަސަން ކުރުސީގެ އެކްސް އެކައުންޓްގައި ވަނީ މިފްކޯއިން އާދައިގެ މުވަައްޒަފުން ވަޒީފާއިން ވަކިކޮށް ކުންފުނީގެ އެންމެ އިސް މަގާމުތަކުގައި ތިބި ސީނިއާ އަދި ޕޮލިޓިކަލް ލެވެލްގެ މެނޭޖްމެންޓް މީހުން ވަޒީފާގައި ބައިތިއްބަން އުޅޭ ކަމަށް ބުނެފަ އެވެ.
މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް ސޮއިކުރައްވައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވަނީ މިކަމާ ގުޅޭ މެމޯއެއް، މިދިޔަ ބުރާސްފަތި ދުވަހު ފޮނުވައިފައެވެ. އެ މެމޯގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ “މިފްކޯ އެފިޝަންސީ އެކްސަސައިޒް”ގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ.
އެގޮތުން، މިފްކޯގެ ބޯޑުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނީގެ ސީއީއޯ އިން ފެށިގެން ސީނިއާ މެނޭޖަރު ރޭންކުގައި ތިބި ފަރާތްތަކުގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުމާއި، މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމަށްޓަކައި އޮނިގަނޑު ހާމަނައިޒް ކުރުމާއި، މަސައްކަތުގެ ޕާފޯމަންސްއަށް ބަލާ ވަޒީފާ އިން ވަކިކުރަންޖެހޭ މުވައްޒަފުން ވަކިކުރުމާއި، ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ތެރެއިން ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މީހުން ވަކިކުރުމާއި، 65 އަހަރުވުމަށް ފަހު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް ތިން މަހުގެ ނޯޓިސް ދިނުމަށްފަހު ވަކިކުރުމާއި ހާއްސަ ހާލަތްތަކުގައި މެނުވީ ކޮންޓްރެކްޓް މުވައްޒަފުން ނުނެގުން ހިމެނެ އެވެ.
މީގެ އިތުރުން ޑެޕިއުޓީ ހެޑް އެލަވަންސާއި އިންޖީނިއަރިން އެލަވަންސާއި ކޭން ޕްރޮޑަކްޝަން އެލަވަންސާއި ރިސްކް އެލަވަންސް އަދި ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުމާއި، ވިލިމާލެ ފެރީ އެލަވަންސް ފިޔަވައި އެހެން ހުރިހާ ފެރީ އެލަވަންސްތަކެއް ދިނުން ހުއްޓާލުން ހިމެނެ އެވެ. އެއާއެކު، ޕްރޮފެޝަނަލް އެލަވަންސް އެމްކިޔުއޭ ލެވެލް 5 އިން ފެށިގެން މަތީގެ ސެޓްފިކެޓްތައް ހުންނަ ފަރާތްތަކަށް ދިނުމާއި، ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މީހުންގެ ކޮންޓްރެކްޓް މި މަހުގެ ފަހުން މުއްދަތު ހަމަވާ ކޮންޓްރެކްޓްތައް އާ ނުކުރުން ވެސް ހިމެނެ އެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) ކުރީ ރޭ މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މިފްކޯގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ބްލީޑްވާ ދިމާ ދެނެގަތުމާއި އިސްރާފު ކުޑަކުރުމަށް ގެންނަމުންދަނީ ހެޔޮ ބަދަލެކެވެ. އެއްވެސް އާދައިގެ މުވައްޒަފުންގެ މުސާރައިން އުނިކުރުމަށް ކުންފުނިން ނިންމާފައިނުވާ ކަމަށް އިބްރާހީމް ސައީދު ބުންޏެވެ.
އިބްރާހީމް ސައީދު ބުނީ މުސާރައަށް ބަދަލު އަންނާނީ ކުންފުނީގެ ޖީއެމްއާއި ސީނިއާ މެނޭޖްމެންޓް ލެވެލުން ނެވެ.