ޗައިނާ ސަފީރު ވަން ލީޝިން މާޅެންދޫ ކައުންސިލާއި މަޝްވަރާކުރައްވައިފި އެވެ.
ލީޝިން އިއްޔެ ވަނީ ނ. ކެނދިކުޅުދޫ އަދި ނ. މާޅެންދޫއަށް ވަޑައިގެން އެ ދެ ރަށަށް ބޭނުންވާ ބައެއް ކަންކަމާއި ގުޅޭގޮތުން ކައުންސިލާއި މަޝްވަރާ ކުރައްވާފަ އެވެ.
މާޅެންދޫ ކައުންސިލުން ބުނީ ޗައިނާ ސަފީރު އެރަށުގެ ހެލްތް ސެންޓަރާއި މާޅެންދޫ ސްކޫލާއި މާޅެންދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ގޮފީގެ ކަންކަމާއި ގުޅޭގޮތުން އެއިދާރާތަކުގެ އިސް ވެރިންނާއި މަޝްވަރާ ކުރި ކަމަށް ބުނެފަ އެވެ.
މާޅެންދޫއިން ވަނީ އެރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީއަކާއި އިމަޖެންސީ ރޫމަކާއި ލެެވެލް 1 އަށް ބޭނުންވާ އިކުއިޕްމެންޓް ނެތް ކަން ފާހަގަކޮށްފަ އެވެ. އަދި ހެލްތް ސެންޓަރުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފައިވާއިރު ސެންޓަރުގައި މުވައްޒަފުންގެ ދަތިކަން ހުރިކަން ފާހަގަކުރި އެވެ. އެއާއެކު، ވާޑްގައި ހުރި އެނދުތައް ހަލާކުވެފައިވާކަންވެސް ފާހަގަކޮށްފައި ވެއެވެ.
މާޅެންދޫ ސްކޫލުގައި ހުރި ދަތިކަންކަމަށް ބަލާއިރު އެ ސްކޫލުން ވަނީ ކޮމްޕިއުޓާ ލެބްގައި ހުރި ދަތިކަމާއި ޑިޖިޓަލް ލައިބްރެރީއަކާއި ސްކޫލު ޕްލޭގްރައުންޑާއި ޕާކް ސިސްޓަމާއި ރީޑިން ޕާކެއް ތަރައްގީ ކުރަން ބޭނުންވާކަން ފާހަގަކޮށްފައި ވެއެވެ.
މާޅެންދޫ ފެނަކަ ގޮފިން ވަނީ އެ ގޮތްޕަށް ސޯލާ ބެކްއަޕް ބެޓަރީ ސެޓް ބޭނުންވުމުގެ އިތުރަށް ރަށުގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ. ހަމައެފަދައިން މާޅެންދޫ ކައުންސިލުން ވަނީ ސޯލާ ބެކަޕް ބެޓަރީ ސެޓާއި މަގުތަކަށާއި ކައުންސިލަށް ސޯލާ ހަކަތަ ބޭނުންވާ ކަން ފާހަގަކޮށްފަ އެވެ.
މީގެ އިތުރަށްވެސް ކައުންސިލުން ވަނީ ޗައިނާ ސަފީރު އަރިހުގައި މާޅެންދޫއަށް ވޭސްޓް މެނޭޖްމެންޓް މެޝިނަރީއާއި (ކުނި އުކައި، ނައްތަން ބޭނުންވާ ސާމާނު) ގެ އިތުރަށް އެޕާޓްމެންޓްތައް ބޭނުންވާކަންވެސް ފާހަގަކޮށްފަ އެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ވަނީ ޗައިނާއާއި އެކު ގާތް ގުޅުމެއް ބަދަހިކުރުމަށް ބުނެފަ އެވެ. ސަރުކާރުން ވަނީ ޗައިނާއާއިއެކު ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގައި ސޮއިކޮށްފަ އެވެ. ޗައިނާ ސަފީރު ވަނީ މީގެ ކުރިން އެގައުމުން ވީވަރަކުން ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.