މިއަދު ބޭއްވި 6 ބައި އިލެކްޝަނުން 5 ގޮނޑި ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރައްވައިފި އެވެ.
މިއަދުގެ އިންތިހާބުގައި ޕީއެންސީގެ 3 ކެންޑިޑޭޓުން ވަނީ މާލެ ސިޓީ ކައުންސިލަށް ވާދަކޮށްގެން 3 ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.
މި ބައި-އިލެކްޝަންތަކުގައި ވާދަކުރި އިދިކޮޅު އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކަަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައި ނުވެ އެވެ.
ބައި އިލެކްޝަންތަކުގެ ތެރެއިން ޕީއެންސީން ކާމިޔާބު ކުރި ފަސް ބައި އިލެކްޝަނަކީ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ގޮނޑި އާއި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އާއި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި އާއި ކުޅުދުއްފުށި ސިޓީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި އާއި ފ. ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއެވެ.
ރ. ރަސްމާދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓެކެވެ.
ބައި އިލެކްޝަންތައް ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން:
– ހުޅުމާލެ ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަން.
– ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމް
– މައްޗަންގޮޅި މެދު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީ
– ކުޅުދުއްފުށި އުތުރު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް އަހުމަދު
– ބިލެތްދޫ ދާއިރާގެ ރައީސަކަށް ޕީއެންސީގެ ކެންޑިޑޭޓު އަރީޝް އިސްމާއީލް
ވަގުތު ހަމަވިއިރު މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ތެރެއިން ވޯޓު ލާފައިވަނީ 73 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ. އެއީ ޖުމްލަ 3،528 މީހުންނެވެ.