ރާއްޖެއަށް ޒިޔާރަތްކުރާ އެވްރެޖް ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1.09 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައި ވެއެވެ. އެއީ މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންނާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 998،330 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މެއި އަދި ޖޫން މަހުގެ ތެރޭގައި ދުވާލަކު އެވްރެޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިން ވަނީ މަދުވެފަ އެވެ. އެގޮތުން، މެއި މަހު އެވްރެޖްކޮށް ދުވާލަކު 3،867 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ޖޫން މަހު އެވްރެޖްކޮށް ދުވާލަކު 4،109 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ނަމަވެސް އެ ރިޕޯޓުން ދައްކާ ގޮތުގައި ދުވާލަކު އެވްރެޖްކޮށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، 5،000 އަށް ވުރެ ގިނަ ފަތުރުވެރިން ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރެ އެވެ. ނަތީޖާއެއްގެ ގޮތުން ދުވާލަކު އެވްރެޖްކޮށް 5،122 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
ޖުލައި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެއަށް 76،837 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ 68،723 ފަތުރުވެރިންނާ އަޅާބަލާއިރު 11.4 އިންސައްތައިގެ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިން ނެވެ. ޗައިނާއިން ރާއްޖެއަށް 136،728 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ޗައިނާއަށް ފަހު އެންމެ ގިނައިން ފަތުރުވެރިންގ އަންނަ ގައުމުތަކުގެ ތެރޭގައި 114،981 މީހުން ޒިޔާރަތްކުރި ރަޝިޔާއާއި 98،775 މީހުން ޒިޔާރަތްކުރި އިނގިރޭސިވިލާތާއި 83،460 މީހުން ޒިޔާރަތްކުރި އިޓަލީއާއި 81،895 މީހުން ޒިޔާރަތްކުރި ޖަރުމަނު ވިލާތް ހިމެނެ އެވެ.
މި އަހަރު ނިމޭއިރު ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ ބޮޑު އަމާޒެއް ހާސިލުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.