”އަޒުމަކީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރެދިނުން“

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރެދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ”ނާރެސް ޕޯޓަލް“ އަދި ”އޮޕަރޭޝަން ކުރަނގި“ ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑްރަޑްގެ މައްސަލައާ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާ ގޭންގު ހަދައިގެން އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލައަކީ ދިވެހި މުޖުތަމައުގައި ވަރަށްބޮޑަށް ހައްލެއް ބޭނުންވެފައިވާ މައްސަލަތައް ކަމުގަ އެވެ. އަދި އެމައްސަލަތަކަށް ހައްލު ގެނެވިއްޖެނަމަ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުތަކާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި އަދި ކަމާބެހޭ މިނޫން ހުރިހާ ފަރާތްތައްވެސް ގުޅިގެން މަސައްކަތްކޮށް އެހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަން ފާހަގަކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކައުންސިލުތައް ބާރުވެރިކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް މަގުފަހިކުރެއްވުމުގެ ގޮތުން ސަރުކާރުން އިއުލާންކުރައްވާފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. އަދި ކައުންސިލުތަކުން ރައްޔިތުންނަށް ހިދުމަތްދިނުމުގައި ހަރަދުކުޑަކޮށް އެންމެ ރަނގަޅަށް ހިދުމަތްދިނުމަށްޓަކައި ރަށްރަށުގެ ކައުންސިލަރުންގެ އަދަދަށް ގެންނަވަން އެދިވަޑައިގަންނަވާ ބަދަލާ ގުޅޭގޮތުން އެމަނިކުފާނުގެ ބައެއް ވިސްނުންފުޅުތައްވެސް ހާމަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މިކަންކަން ނިންމަވާނީ ކަމާގުޅޭ ފަންނީ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވި އަދި ކަމާގުޅޭ ދިރާސާތަކަށްފަހުގައި ކަމަށެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނާރެސް ޕޯޓަލް، އިފުތިތާހް ކޮށްދެއްވާފަ އެވެ. ނާރެސް ޕޯޓަލަކީ އެ ޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. މިރަސްމިއްޔާތުގައި ”އޮޕަރޭޝަން ކުރަނގި“ ފޭސް2 ވެސް ތައާރުފުކުރެވިގެން ދިޔަ އެވެ. ”އޮޕަރޭޝަން ކުރަނގި“ ފޭސް2 އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަށް ފެށުނު މަސައްކަތެކެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ހިދުމަތަކީވެސް ރައްޔިތުންނާ ގާތުން ހިދުމަތްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ހުރިހާ ރަށެއް ޝާމިލުވާ ދެ ހިދުމަތްކަން ފާހަގަކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ދެމެދު، ގާނޫނު ތަންފީޒުކުރުމާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ކައުންސިލުތަކާ ގުޅިގެން ރަށްރަށުގައި ހާއްސަ ހަރަކާތްތަކެއް ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ހޯދުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކުރުން އޮތެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ”ހޯމް ޓީމަށް“ ދެއްވާފައިވާ އަމާޒު މި ރަސްމިއްޔާތުގައި އިފުތިތާހު ކުރެވުނެވެ.

ރޭ ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންނާއި  ސަރުކާރުގެ އެކި އިދާރާތަކުން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ