މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓަށް އަނެއްކާވެސް ގެއްލުން ދީފި އެވެ.
މިއަދު ހެނދުނު ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މަންޒަރު ދައްކާ ފޮޓޯތައް މީސް މީޑިއާގައި ދައުރުވި އެވެ.
ފުލުހުން ބުނީ ރޭ ފަތިހު 04:32 ހާއިރު އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ގާބުރިއަކުން ޖަހައި ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މިިދިޔަ ހަފްތާގައިވެސް ބަޔަކު މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓގެ ބިއްލޫރިގަނޑު ތަޅާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ.
ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުން ނެވެ.
ކޭއެފްސީ ކުރިމަތީގައި އެކިފަހަރު މަތިން އިޒްރޭލަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓް ކުރަން ގޮވާލާ މުޒާހަރާ ކޮށްފައި ވެއެވެ. ކޭއެފްސީއާއި ޖެހިގެން ހުންނަ ޕިއްޒާ ހަޓަށް ކަޅުތެޔޮވެސް ޖަހާފައި ވެއެވެ. ފަލަސްތީނުގައި އަނިޔާވެރި އަމަލުތައް ހިންގާ އިޒްރޭލަށް ވާގިވެރިވާ އެމެރިކާގެ މަޝްހޫރު ފްރެންޗައިޒްްއެއްގެ ގޮތުގައި ކޭއެފްސީއާއި ޕިއްޒާ ހަޓް މަޝްހޫރުވެފައިވުމުން މުސްލިމް އާބާދީތައް އޮންނަ ގިނަ ގައުމުތަކުން ދަނީ މި ދެ ކުންފުނީގެ އުފެއްދުންތަކުގެ އިތުރަށް ސްޓާބަކްސްއާއި ޒާރާ ފަދަ މަޝްހޫރު ބްރޭންޑްތައް ބޮއިކޮޓް ކުރަމުން ނެވެ.