6 ކައުންސިލެއްގެ ބައި އިލެކްޝަން ކުރިއަށް ގެންދަން ފަށައިފި އެވެ.
މިއަދު ހެނދުނު 08:00 ގައި ފެށުނު ލޯކަލް ކައުންސިލްތަކުގެ ހަ ބައި އިލެކްޝަނަކަށް މިހާރު ވޯޓުލުން ކުރިއަށް އެބަދެ އެވެ.
ބައި އިލެކްޝަން ބާއްވާ ދާއިރާތައް:
– ފާފު އަތޮޅު ބިލެއްދޫ ކައުންސިލްގެ ރައީސް
– ކުޅުދުއްފުށީ ސިޓީ ކައުންސިލް، އުތުރު ކުޅުދުއްފުށީ ދާއިރާގެ މެންބަރު
– މާލެ ސިޓީ ކައުންސިލް، ހުޅުމާލެ ދާއިރާގެ މެންބަރު
– މާލެ ސިޓީ ކައުންސިލް، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު
– މާލެ ސިޓީ ކައުންސިލް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު
– ރާ އަތޮޅު ރަސްމާދޫ އަންހެނުންގެ ކޮމިޓީއަށް ނަގާ މެންބަރުން
ބައި އިލެކްޝަނަށް މާލެ ސިޓީއާއި އެހެނިހެން ރަށްރަށުގައި ޖުމްލަ 25 ވޯޓު ފޮށި ވަނީ ބަހައްޓާފައި ވެއެވެ.
މާލޭގެ ގިނަ ވޯޓު ފޮށިތައް ހުރީ ހެންވޭރު ދަނޑާއި ޖަމާލުއްދީން ސްކޫލުގެ ޓެންޓްތަކުގަ އެވެ. ހުޅުމާލޭގައި ރެހެންދި ސްކޫލާއި ކާމިލް ދީދީ ޕްރީސްކޫލްގައިވެސް ވޯޓު ފޮށި ބަހައްޓާފައި ވެއެވެ.
މިއަދު 10:00 އާ ހަމައަށް ޖުމްލަ 669 މީހުން ވޯޓު ލާފައިވާއިރު އޭގެ ތެރޭގައި 234 އަންހެނުންނާއި 435 ފިރިހެނުން ހިމެނެ އެވެ. މިއީ މި ބައި އިލެކްޝަނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 13،112 މީހުންގެ ތެރެއިން 5.1 އިންސައްތަ އެވެ.
ބައި އިލެކްޝަނަށް ވޯޓުލުން ބަންދުވާނީ މިއަދު ހަވީރު 16:00 ގަ އެވެ.