އޯ ލެވެލްގެ ތިން މާއްދާއިން ފާސްވެގެން ސަރުކާރު ސްކޫލުތަކުން އޭ ލެވެލް ކިޔެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު ބަދަލުކޮށްފި އެވެ.
ސަރުކާރުގެ ސްކޫލުތަކުގައި އޭ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ދެނީ މަޖުބޫރު ހަތަރު މާއްދާގެ އިތުރުން އިތުރު އެއް މާއްދާއިން ފާސް ވުމުންނެވެ.
އަލަށް ގެނައި ބަދަލާއެކު އޯ ލެވެލް އިމްތިހާނުގެ ކޮންމެވެސް ތިން މާއްދާއަކުން ސީ ފާސް ލިބުމުން ސަރުކާރު ސްކޫލެއްގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.
މިނިސްޓްރީން ސްކޫތަކަށް ފޮނުވި ސާކިއުލާގައި ވަނީ ގްރޭޑް 11 އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތް ނަމަ އެ ސްކޫލުގައި ޖާގަ އޮތް އަދަދަށް ބަލައި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ފުރުސަތު ދިނުމަށް އެދިފަ އެވެ.
ފުރުސަތު ދޭ ތަރުތީބު:
- އެސްއެސްސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމް މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އޯލެވެލް އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން މަދުވެގެން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބުމާ އެކު، އިތުރު އެއް މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން
- އޯލެވެލް އިމްތިހާނުން ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުން
- އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން (އައިއީޕީ) އިމްތިހާނު ހަދާ ދަރިވަރުން ސާނަވީ ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާ އިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން
- ދަރިވަރުން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުމާއެކު ސްކޫލުގައި ޖާގަ އޮތް ނަމަ އެ ދަރިވަރަކަށް ފުރުސަތު ދިނުން
މިއީ ވީހާވެސް ގިނަ ދަރިވަރުންނަށް ސަރުކާރު ސްކޫލުތަކުގައި އޭ ލެވެލް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށްޓަކައި ގެނައި ބަދަލެކެވެ.