ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ގާބިލުކަން ހާމަވެގެންދާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެ އެވެ.
މަހާވަރު މިގޮތަށް ވިދާޅުވީ އިއްޔެ ހަނިމާދޫ އެއާޕޯޓް މަޝްރޫއު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށްފަހު މީޑިއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން މަހާވަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން ރާއްޖޭގެ އުތުރަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.
”ހަނިމާދޫ އެއާޕޯޓުން (އުތުރުގައި) ފަތުރުވެރިކަން ފުޅާވެ، އެހެނިހެން އިގްތިސާދީ ހަރަކާތްތައްވެސް ބޫސްޓް ކޮށްދޭނެ. މީގެ އިތުރަށްވެސް، (މި މަޝްރޫއުގެ ޒަރީޔާއިން) ދެ ގައުމު އިތުރަށް ގާތްވާނެ“
މަހާވަރު ވިދާޅުވީ މި މަޝްރޫއު ފުރިހަމަވުމުން މި މަޝްރޫއު އިންޑިއާ- މޯލްޑިވްސް ޑިވެލޮޕްމެންޓ ޕާޓްނާޝިޕްގެ ފުރިހަމަ ރަމްޒަކަށް ވެގެންދާނެ ކަމަށެވެ. އަދި މިއީ ބޮޑެތި މަޝްރޫއުތައް ނިންމުމުގައި އިންޑިއާ ކުންފުނިތަކުގެ ގާބިލިއްޔަތުކަން ހާމަވެގެންދާނެ އިތުރު މިސާލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖެނުވަރީ 2023 ގަ އެވެ. މި މަޝްރޫއުގެ މަސައްކަތް ދާ ގޮތާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ހައި ކޮމިޝަނާ ވިދާޅުވި އެވެ. އިންޑިއާއިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއި ޓްރާންސްޕޯތް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެކު މި މަޝްރޫއުގެ މަސައްކަތްތަކުގައި ގާތުން މަސައްކަތް ކރަމުންދާ ކަމަށްވެސް މަހާވަރު މައުލޫމާތު ދެއްވި އެެވެ.
ހަނިމާދޫ އެއާޕޯޓު އަންނަ މާޗު މަހަށް ނިންމާލާ ބޭނުން ކުރެވޭނެ ކަމަށާއި މިހާރު އެ އެއާޕޯޓުގެ 67.5 އިންސައްތަ ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެ އެވެ.
ހަނިމާދޫ އެއާޕޯޓަކީ އިންޑިއާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓެކެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ އެއާޕޯޓަށް ވަޑައިގެންނެވުމަށްފަހު އެވެ. މިނިސްޓަރުގެ އަރިހުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މި އެއާޕޯޓު ނިމޭ އިރު 2.7 ކިލޯ މީޓަރުގެ ރަންވޭއަކާއި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލެއްގެ އިތުރުން ޖެޓް ފިއުލް ސްޓޯރޭޖެއްވެސް ގާއިމު ކުރާނެ އެވެ.