ކޯޓު އަމުރެއްގެ ދަށޫން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުން ވެއްޓި އަނިޔާވި މީހާއަށް މިހާރު ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައިކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާގައި އަނިޔާވެ ފަރުވާދެމުން ދަނީ މ. ދޯޅަނބުގެ، މުހައްމަދު އަޒްމީލް ޖަލީލު، 38އ އަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ތެރޭގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަން ފުލުހުން ހާމަކޮށްފައިވަނީ މި ހަފްތާ ހޯމަ ދުވަހު އެވެ. އެއަށް ފަހު މިއަދު ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން އަޒްމީލް ޑްރަގް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން ފުލުހަށް އަމުރުކޮށްފައި ވާތީ އޭނާ ހައްޔަރު ކުރުމަށްޓަކައި އޭނާ ދިރިއުޅޭ ގެއަށް ދިއުމުން، ތައްޔާރުވެލައިގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށްފަހު، އެ ގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުނީ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އޭނާގެ ބޯ ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއްވެސް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މި ހާދިސާ ހިނގުމުން އަޒްމީލް ފުރަތަމަ ގެންގޮސްފައިވަނީ ފުލުހުންގެ ހިދުމަތުގެ މާލޭ ކަސްޓޯޑިއަލްއަށް ކަމަށާއި އައިޖީއެމްއެޗްއަށް އޭނާ ގެންގޮސްފައިވަނީ މާލޭ ކަސްޓޯޑިއަލްގެ މެޑިކަލް އޮފިސަރުން ބެލުމަށް ފަހުގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.