ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑި، މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ.
ހުސްވަގުތުކޮޅަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުނުތާ ކުޑަވަގުތުކޮޅެއްގެ ފަހުން ޖަލްސާގެ ލައިވް ފީޑް ވަނީ ކެނޑިފަ އެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއްފަހުން ޖަލްސާ އަލުން ފެށިއިރު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެވަގުތު ޖަލްސާ ކުރިއަށްގެންދިޔައީ ބެކްއަޕް ޖަނަރޭޓަރު ބޭނުންކޮށްގެންކަމުން، ކަރަންޓް ހިފެހެއްޓޭނީ ކިހާ ވަގުތެއްކަމުގައިކަމެއް ވިދާޅުވާން ނޭނގޭ ކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާ މެދުކަނޑާލައްވާކަމަށް ނާޒިމް ވިދާޅުވި އެވެ.
ކަރަންޓް ކެނޑި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލިއިރު މިއަދުގެ ޖަލްސަގައި ވަނީ ފާއިތުވެ ދިޔަ މަސްތަކުގައި ކަރަންޓު ބިލު ބޮޑުވެފައިވާކަމަށް ބުނެ ކުއްލި މައްސަލައެއް ހުށަހެޅި ބަހުސްކޮށްފަ އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މި މައްސަލައިގައި އޭނާ ވިދާޅުވެފައިވަނީ ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ކަރަންޓު ކެނޑުނުއިރު ކުރިއަށްގެންގޮސްފައިވަނީ ސަރުކާރުގެ ފަރާތުން، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް އެވެ.