ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން ބަންޑާރަ ނައިބުގެ ނަން އުނިކޮށް އެ ކޮމިޓީ އެކުލަވާލާ ގޮތް ބަދަލު ކުރުމަށްޓަކައި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ހުސައިން ޝަރީފް ހުށަހެޅުއްވި އިސްލާހުގައި މި ބިލުގެ މަގުސަދެއްކަމަށް ވިދާޅުވެފައިވަނީ ބާ ކައުންސިލަކީ ގާނޫނީ ވަކީލުންގެ ފަރާތުން އެ މީހުން އިންތިހާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލަކަށް ހެދުން ކަމަށެވެ.
މި އިސްލާހުގެ ސަބަބުން ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަ މީހަކު އެކައުންސިލުގެ މެންބަރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ގާނޫނުން އުނިވާނެ އެވެ. އަދި މިހާރު އެ ގާނޫނުގައި އެ ކައުންސިލަށް ހަ ވަކީލުން އައްޔަން ކުރާ ގޮތަށް އޮތް އޮތުން ބަދަލުކޮށް އެ ކައުންސިލަށް ހަތް ވަކީލުން އިންތިހާބު ކުރެވޭނެ އެވެ.
ބަންޑާރަ ނައިބު ނުހިމަނާ އެ ކައުންސިލް އެކުލަވާލުމަށް ހުށަހަޅާފައިވަނީ އެކައުންސިލަކީ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކައުސިލަކަށް ހެދުމަށް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. މި އިސްލާހަށް އަމަލު ކުރަން ފަށާނީ މި ބިލު މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް ބާ ކައުންސިލް