ފާއިތުވެ ދިޔަ މަސްތަކުގައި ކަރަންޓު ބިލު ބޮޑުވެފައިވާކަމަށް ބުނެ އެމްޑީޕީން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ފަރާތުން މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މި މައްސަލައިގައި އޭނާ ވިދާޅުވެފައިވަނީ ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ކަރަންޓު ފޯރުކޮށްދެމުންދާ މައި ދެ ކުންފުނި ކަމަށްވާ ފެނަކަ އާއި ސްޓެލްކޯގެ ފަރާތުން ފޯރުކޮށްދެމުންދާ ކަރަންޓަށް ކުރަމުންގެންދާ ބިލްތައް ފާއިތުވި މަސްތަކުގައި އަދި ނިމިދިޔަ މަހުގައި އިންތިހާއަށް ބޮޑުވެފައިވާތީވެ މިކަންކަން ބަލައި ތަހުގީގުކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާ ކުއްލި މައްސަލަ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް 61 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވީ ނިމިދިޔަ މަސްތަކުގައި ކަރަންޓު ބިލު ބޮޑުވެގެން ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓުގެ ހިދުމަތް ދޭ ކުންފުނިތަކަށް ކަރަންޓު ބިލު ބޮޑުވެފައިވަނީ ކީއްވެގެންކަން ރައްޔިތުންނަށް ސާފުކޮށްދެވިފައި ނުވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
އޭޕްރީލް މަހުގެ ބިލު ބޮޑުވެގެން ރައްޔިތުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް މެންބަރު ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުން ޖެހިގެން އައި މަހު ބިލުތަކަށް ޑިސްކައުންޓު ދީފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް މި ވޭތުވެދިޔަ މަސްތަކުގައި ރީޑިން ނަގާފައިވާ ބިލްތައް އަދި ކުރިއަށްވުރެ ބޮޑު ކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން، މިހެން މިކަން ހިނގާއިރު ރައްޔިތުންނަށް ކަރަންޓު ބިލް ބޮޑުވި ގޮތުގެ ތަފުސީލު ލިބޭނެ ގޮތެއް އަދި ނުވޭ.
އެހެންކަމުން ރައްޔިތުންނަށް ކަރަންޓް ބިލްތައް ވާގޮތް ސާފުކޮށްދީ މިކަހަލަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތި އުނދަގޫ ކަންކަމުގައި ވީހާވެސް އަވަސް ހައްލެއް ހޯދައިދިނުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.
ރައްޔިތުންގެ މަޖިލިސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ސްޓެލްކޯ