ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށްގެން ސުވާލުކުރުން ހަނިކުރަން މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން، ކޮންގްރެސް ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހުށަހަޅުއްވައިފި އެވެ.
ފަލާހް އެގޮތަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ސުވާލުކުރުމަށް ހުޅުވާލެވުނު ފުރުސަތުގަ އެވެ. ސްޕޯޓްސް މިނިސްޓަރާއި ދެ ސުވާލެއް ކުރެއްވުމަށް ހުށަހެޅުއްވީ ކެންދޫ ދާއިރަގެ މެމްބަރު މައުރޫފް ޒާކިރު އެވެ.
އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި ތެދުވެވަޑައިގެން ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ ވަޒީރާއި ކުރައްވާ ސުވާލުގެ އިތުރުން، ރިޔާސަތަށް ދެއްވަން ބޭނުންފުޅު ހިޔާލެއް އެބައޮތް ކަމަށެވެ. އެގޮތުން ފަލާހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހްކުރާއިރު ވަޒީރު ހާޒިރުކޮށް ސުވާލުކުރުން ހަނިކުރަން ހުށަހަޅުއްވާ ކަމަށެވެ.
”ދެން އޮތީ ރައީސަށް އަަޅުގަނޑު ހިޔާލެއް ދަންނަވައިލުން. ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދާއިރާއާ ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން، ތިން ދުވަސް ތެރޭ ޖަވާބު ނުދީފިއްޔާ ނޫނީ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ މި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރާ އިރުގައި ރަނގަޅުކަމެއް ކަންނޭނގެ އަޅުގަނޑަށް ހީވަނީ ބަލައިލަން،“
ފަލާހް އެގޮތަށް ހިޔާލު ހުށަހެޅުއްވި ނަމަވެސް، އެ ހިޔާލާއި ގުޅޭގޮތުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެއްޗެއް ވިދާޅެއްނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި މިހާރު ވާގޮތުން މެމްބަރަކު ކުރައްވާ ސުވާލަށް ޖަވާބުދެއްވަން ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު