އަންނަ އަހަރުން ފެށިގެން ހާފިޒުންގެ ދަސްވެނިވުން ގައުމީ ފެންވަރުގައި ފާހަގަކުރަން ގަސްދުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިގޮތަށް ވިދާޅުވީ މިރޭ ބޭއްވި 36 ވަނަ ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިފަހުން ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކުރާ މީހުން ވަނީ އިތުރުވެފައި ކަމަށެވެ. މިރޭގެ ރަސްމިއްޔާތުގައި 32 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތާޖު އަރުއްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
”އަންނަ އަހަރުން ފެށިގެން އަޅުގަނޑުމެން ގަސްދުކުރަނީ ހާފިޒުން ގްރެޖުއޭޓް ވާ ހަފްލާއަކީ އެއީ ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހަފްލާއާއި ވަކިން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު އެހެން ހަފްލާއަކަށް ހަދަން. ސަބަބަކީ މި މުބާރާތުގެ ތެރެއިން އިނާމް ދިނުމަކީ ޒަމާނުއްސުރެ އޮންނަ ކަމެއް އެއީ. އެއީ ވަރަށް މަދުން ކުއްޖަކު ދަސްކުރާތީވެ، އެކަކު ނޫނީ ދެ މީހަކު ނުވަތަ ތިން މީހަކު. އެކަމަކު މިހާރު 30 އަށްވުރެ މައްޗަށްދޭ އެބަ“
އެހެންވީމަ، މި ދެ ހަފްލާ އެއްކޮށް ބޭއްވުމަކީ އެއްވެސް ހަރަކާތަކަށް ދޭންޖެހޭ ހައްގު ގަދަރުނުދެވިދާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އެހެންވީމަ، ގައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތަކީ ވަކި ހަފްލާއެއްގެ ގޮތުގައި ބޭއްވިފައި، ހާފިޒުންގެ ދަސްވެނިވުން އެއީ ވަރަށް ބޮޑު ގައުމީ ހަފްލާއަކަށް ހެދުމަށް މި އަންނަ އަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ވަރަށް ހުނަރުވެރި ދަރިވަރުން، މުދައްރިސުން، އުސްތާޒުން ނެރުނު ބޮޑު ހަރަކާތެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަ ނިންމަވާލައްވަމުން ވަނީ ކީރިތި ޤުރްއާންގައި ބަޔާންވެގެންވާ ރީތި އަހުލާގުގެ މައްޗަށް ތަރުތީބުވެފައި އޮތް ޖީލެއް ބިނާކުރުމަށް އެންމެންވެސް މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް