ދާރުއްސަލާމްގެ ނަމުގައި މުޅިން އާ ވަގުފް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މާލޭގައި މިވަގުތު ހުރީ ދާރުލް އީމާންގެ ނަމުގައި ހުރި އެންމެ ވަގުފް އިމާރާތެއް ކަމަށެވެ. މި އިމާރާތުން އަހަރަކު ލިބެނީ ހައެއްކަ މިލިއަން ރުފިޔާ ކަމަށެވެ.
މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހޭދައާ މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން ދާރުއްސަލާމްގެ ނަމުގައި އާ ވަގުފް އިމާރާތެއް އެޅުމަށްޓަކައި މަސައްކަތް ކުރެވެމުން އެބަދޭ.
މީގެ އިތުރުން ދާރުލް އަރުކަމްގެ ނަމުގައިވެސް މުޅިން އާ ވަގުފް އިމާރާތެއް އެޅުމަށް ބިން ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށް ދަނީ އެ ބިން އިސްލާމިކް މިނިސްޓްރީއަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ރާއްޖޭގައި ދީނީ ކަންކަން ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ.