ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދާދިނުމަށް މަޝްވަރާކޮށްފި ކަމަށް ލޯކަލް ގަވަމެންޓާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދު އެލްޖީއޭގެ ބޯޑް ބައްދަލުވުމުގައި ސިޓީ ކައުންސިލުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސްއާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާއި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ.
ތިނަދޫ ކައުންސިލުން އެލްޖީއޭއަށް ހުށަހެޅި ހުށަހެޅުމާއި، އެލްޖީއޭގެ ބޯޑުން، އިއްޔެ ބޭއްވި ބައްދަލުވުމުގައި، އިމިގްރޭޝަނާއެކު އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ނިންމި ނިންމުން ފާސްކޮށްފައި ވެއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލަރުންނަށް ރަސްމީ ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓް ފޯރުކޮށްދިނުމުގެ ބޭނުމަކީ ކައުންސިލްތަކަކީ ވެސް އާންމުން އިންތިހާބުކުރާ އޮފިޝަލުން ކަމުން ކައުންސިލްތައް ބާރުވެރިކޮށް ހައްގު ހައިސިއްޔަތު ދިނުން ކަމަށެވެ.
ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ދޫކުރަނީ ސަރުކާރުގެ ތިން ބާރުގެ އިސްވެރިންނާއި ސުޕްރީމް އަދި ހައިކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ އެހެން މަގާމުތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސެކިއުރިޓީއާއި ބެހޭ އިދާރާތަކުގެ އިސްވެރިންނާއި އެބޭފުޅުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރުން ދަށުގެ ދަރިންނަށެވެ.