ކުނީގެ ގާނޫނާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށައިފިން: މިނިސްޓަރު ޠާރިޤު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުނީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހިރާހަކީ ހެދިފައިވާ ގަވާއިދުތަކަށް އަމަލުނުކުރުން ކަމަށާއި ގަވާއިދާ ހިލާފަށް އަމަލު ކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ވުޒާރާގެ މަސައްކަތްތަކާއި ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު އެރުވުމަށް މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

”ގަވާއިދުގައި ކުނި އެޅުން މަނާ ސަރަހައްދުތައް ސާފުކޮށް ބަޔާންކޮށްފައިވާ އިރުވެސް އެއަށް ސަމާލުކަން ނުދީ އެކި ފަރާތްތަކުން އަމަލުކުރަމުން ދާކަން ފާހަގަކުރެވޭ. މިސާލެެއްގެ ގޮތުން، މި ގަވާއިދުގައި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން އެ އުޅެނދެއްގައި އުފައްދާ ކުންޏާއިމެދު އަމަލު ކުރަންޖެހޭގޮތް ބަޔާންކޮށްފައި އެބަވޭ. ނަމަވެސް އެއާ ހިލާފަށް އަޅުގަނޑުމެންނަށް މިފެންނަނީ މިފަދަ އުޅަނދު ފަހަރުން ކަނޑަށާއި އަދި ރަށްރަށުގެ ހޭޅިފަށަށް ކުނި ބާލާ މަންޒަރު، މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރަައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ އެބަ ކުރިމަތިވޭ،“

މީގެ ހައްލެއްގެ ގޮތުން، ގަވައިދާއި ހިލާފަށް އަމަލު ކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ކަމަށްވީ ނަމަވެސް، ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންދާ މައްސަލަވެސް ފާހަގަވެފައިވާ ކަމަށެވެ.

މިފަދަ މައްސަލަތަކުގެ ސަބަބުން، ރާއްޖޭގައި ހެދިފައިވާ ކުނި މެނޭޖްކުރުމުގެ ސިސްޓަމްތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަދި އެންމެ އެކަށީގެންވާ ހަރަދެއްގައި ނުކުރެވޭކަން ވަޒީރު ފާހަގަކުރެއްވި އެވެ.

”މިކަމަށްވެސް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު ވަނީ މުޅިން އާ ގައުމީ ސިޔާސަތުތަކެއް އެކުލަވާލާ އެތަންފީޒުކުރަން ފަށާފަ. މި ސިޔާސަތުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ކުނި މެނޭޖްކުރުމުގެ ހިދުމަތް ދިނުމަށް ޕްރައިވެޓް ސެކްޓަރ އަށް ރަސްމީކޮށް ހުޅުވާލުން. އެގޮތުން އަތޮޅު ފެންވަރުގައި ހިދުމަތް ދިނުމަށް އަތޮޅު ކައުންސިލްތަކަށްވެސް މިހާރު ހުރަހެއް ނެތް،“

ވިޔަފާރިއެއްގެ ގޮތުގައި ރީސައިކަލް ކުރުމަށް ހުޅުވާލުމަކީވެސް މިސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާ، ގެޒެޓް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ވަޒީރު ޠާރިޤު ވަނީ ހަކަތައިގެ ދާއިރާއަށްވެސް ބައްލަވާލައްވާފަ އެވެ. އެގޮތުން، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއު ”މަގޭ ސޯލާ“ ގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނޭ ފައިދާތަކަށްވެސް ވަޒީރު އަލިއަޅުއްވާލެއްވި އެވެ.

”މިޕްރޮޖެކްޓުގެ ދަށުން އެވަރެޖްކޮށް މަހަކު 300 ޔުނިޓުގެ ކަރަންޓު ބޭނުންވާ ގެއަކުން  2 ކިލޯވޮޓު ގެ ސޯލާ ޕީވީ ސިސްޓަމެއް ހަރުކޮށްގެން ކަރަންޓު ބިލުން މަހަކު ގާތްތަނޑަކަށް 490 ރުފިޔާ ސަލާމަތްކުރެވޭނެ. މި އަދަދަކީ ދެންނެވުނު މިންވަރަށް ކަރަންޓު ބޭނުންވާ ގެއެއްގެ ކަރަންޓު ބިލުން ގާތްގަނޑަކަށް 90 އިންސައްތައިގެ ކުޑަވުމެއް“

މި ބައްދަލުވުމުގައި ވަޒީރު ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއުއަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، މިހާތަނަށް، މިލިއަނަކަށްވުރެ ގިނަ ގަސް އިންދުމަށް އެކި ފަރާތްތަކުން ޕްލެޖްކޮށްފައިވާ އިރު، މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ ގަސް އިންދިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެެއްވި އެވެ.

”މި މަޝްރޫއަކީ ދިވެހިރާއްޖެ ފެހިކުރުމަށާއި، ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި 5 އަހަރު ތެރޭގައި، 5 މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް. އަދި މި މަޝްރޫއުގެ ދަށުން، އިންދޭ ގަސްތަކުން މާލީ ނަފާ ލިބި، ރާއްޖޭގައި ކެއުމަށް އުފައްދާ ބާވަތްތައް އިތުރުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރުމަކީވެސް މި މަޝްރޫއުގެ އަމާޒެއް،“ ވަޒީރު ވިދާޅުވި އެވެ.

 

 

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ