ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ގާއިމުކުރުމުގެ ދިރާސާ ފެށުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ފްލޯޝަންއާއެކު ފަހުމުނާމާގައި ސޮއިކޮށްފި އެވެ.
މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި، ފްލޯޝަންގެ މެނޭޖިންގ ޑިރެކްޓަރ، އަލެގްޒަންޑަރ ފުލެސަންގ އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ، އަބްދުލް މަތީން މުހައްމަދެއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.
އެމްޑަބްލިޔުއެސްސީ އާއި ފްލޯޝަން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ދިރާސާގައި ކަނޑު އަޑީގައި އާރް.އޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދުމާއި، އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތައް ކުރުމަށް ހަމަޖެހިފައި ވެއެވެ. ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން، މިގޮތަށް ފެން އުފެއްދުމާއި ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މި ދިރާސާގައި އެމްޑަބްލިޔުއެސްސީގެ މައިގަނޑު ދައުރަކަށް ވާނީ މިހާރު ލިބެންހުރި މިކަމާ ގުޅޭ މަޢުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި، ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހިތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. އޭގެ އިތުރުން، ރާއްޖޭގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެ އެވެ.
ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށްވާއިރު، މިދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ގާއިމު ކުރެވިއްޖެނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭ ވަރާއި ރައްކާ ކުރެވޭނެ ނިޒާމުގެ ގާބިލުކަން އިތުރުކުރެވޭނެ އައު އިޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެ އެވެ. މީގެ ސަބަބުން، ސާފު ރައްކާތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމް ގާއިމުކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ހަރަދު ކުޑަކުރެވިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައި ވެއެވެ.
މިދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ އެވެ. މިއާއެކު، ގައުމީ ފެންވަރުގައި ރައްކާތެރި ބޯފެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖްތިމާއި އަދި އިގްތިސާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ. އަދި ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިނިޒާމުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.